ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ މި ސަރުކާރު ނިމުމަކަށް ގެނައުމަށް "ދަ ޑިމޮކްރެޓްސް" އާ އެކު ބައިއަތު ހިފައިގެން ތިބި ކަމަށް އިދިކޮޅު ޕީޕީއެމުން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ، ޑިމޮކްރެޓްސް އާއި ޕީޕީއެމާ ވިސްނުން އެއްގޮތްވާ ކަންކަން އެބަހުރި ކަމަށެވެ.
"އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ހާވާ ހަޑި ނުވަތަ މި ސަރުކާރުން މި ހިންގާ ޖަރީމާތައް، ވައްކަންތައް މިކަމާ އަޅުގަނޑުމެން ދެކޮޅު. މިނިވަން މުއައްސަސާތައް މިނިވަންކަމާ އެކުގައި ހިންގުމަށް ހުރަސް އެޅުމަށް މިކުރާ ކަންކަމާ އަޅުގަނޑުމެން ދެކޮޅު،" ސިޔާމް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވެރިކަމުން ފައިބަން ޖެހިވަޑައިގަންނަވާކަން ދެ ޕާޓީންވެސް ގަބޫލުކުރާކަން ފާހަގަކުރައްވައި ސިޔާމް ވިދާޅުވީ، މި ސަރުކާރު ޖަވާބުދާރީ ކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.
"މަޖިލީހުން ބޭރުގައިވެސް މި ސަރުކާރު ޖަވާބުދާރީކުރުމަށްޓަކައި މި ސަރުކާރު ނިމުމަކަށް ގެންނަން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަން އަޅުގަނޑުމެން މިތިބީ ބައިއަތު ހިފައިގެން މިހާރު،" ސިޔާމް ވިދާޅުވިއެވެ،
އިދިކޮޅުގެ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް ވިދާޅުވީ، ޕީޕީއެމުން ރަސްމީކޮށް ޑިމޮކްރެޓްސްއާ އެކު މަޝްވަރާކުރުމަށް ވަކި ޓީމެއް ނަގައިގެން ސަރުކާރު ބަދަލުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
މިފަހުން ޑިމޮކްރެޓްސްގެ ހަރުގެ ކައިރީގައި ޕީޕީއެމް ސަޕޯޓަރުންނާއި ޑިމޮކްރެޓްސްގެ ސަޕޯޓަރުން ވަނީ މި ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށްފައެވެ. އަދި ޗާގޯސް މައްސަލައިގައި އިދިކޮޅުން އިސްވެ ބޭއްވި ބޮޑު ޖަލްސާގައިވެސް ޑިމޮކްރެޓްސްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.