ސާފް 2023

ޕާކިސްތާނަށް ވިސާ ހަމަޖެހިއްޖެ، ބެންގަލޫރަށް އާދެވޭނެ ކަމަށް ބެލެވެނީ މެޗު އޮންނަ ދުވަހުގެ ހެނދުނު

ބެންގަލޫރުން: މުހައްމަދު ޝައްމޫން - ވަން ސްޕޯޓްސް

މާދަމާ ފަށަން ތައްޔާރުވެފައިވާ ސާފް ޗެމްޕިއަންޝިޕަށް އަންނަ ޕާކިސްތާނު ޓީމަށް ވިސާ ލިބި، އެ ޓީމުން އިންޑިއާއަށް އަންނަ ތައްޔާރުވެއްޖެއެވެ.

ޕާކިސްތާނާއި އިންޑިއާއަކީ އަބަދުވެސް ދާހިލީ ގުޅުންތައް ގޯސް ދެގައުމެވެ. ދެގައުމުގެ ދެމެދުގައި ދަތުރުތައް ކުރުމަށް ޑޮކިއުމެންޓޭޝަންގެ ގިނަ މަސައްކަތްތަކެއް އަބަދުވެސް ކުރަން ޖެހޭ އިރު، ކުޅިވަރު މުބާރާތްތަކަށްވެސް ޕާކިސްތާނަށް އިންޑިއާއަށް އެތެރެވެވެނީ އުނދަގޫ ކޮށެވެ. މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާނު ކުޅެން އިއުލާނުކުރި ހިސާބުންވެސް އެޓީމަށް އިންޑިއާގެ ބެންގަލޫރަށް އައުމަށް އުނދަގޫތަކާ ކުރިމަތިވާނެކަން އެނގިފައި އޮތް އިރު، ރެއާ ހަމައަށްވެސް ޕާކިސްތާން ޓީމަށް އޮތީ ވިސާގެ ކަންކަން ހަމަ ނުޖެހިއެވެ.

މޮރިޝަސްގައި ފޯ ނޭޝަންސް ކަޕެއް ކުޅުމަށްފަހު ޕާކިސްތާނުން 18 ވަނަ ދުވަހު އިންޑިއާއަށް އަންނަން ފުރަތަމަ އޮތް ނަމަވެސް، އެ ދަތުރު ވަނީ ދިގުލައިގެން ގޮސްފައެވެ. އިންޑިއާގެ އެފްއޭ އާއި ސަރުކާރުން ޕާކިސްތާނަށް ނޯ އޮބްޖެކްޝަން ސެޓިފިކޭޓް (އެންއޯސީ) ދީފައި އޮތް ނަމަވެސް، އިއްޔެގެ ނިޔަލަށް ޕާކިސްތާނުގެ ސްޕޯޓްސް ބޯޑުން ޓީމަށް އެންއޯސީ ދީފައެއް ނުވެއެވެ. އޭގެ ސަބަބުން އިންޑިއާގެ ސަރުކާރުން ޕާކިސްތާން ޓީމަށް ވިސާ ދީފައިނުވާ އިރު، އެކަންކަން ހަމަޖެހި ވިސާ ލިބުނީ ރޭގައެވެ.

ޕާކިސްތާން ޓީމުގެ މެނޭޖަރު ހަސައިން ހައިދަރު ރޭ ބުނީ މިއަދު ޕާކިސްތާނު ޓީމް މޮރިޝަސްއިން އިންޑިއާއަށް ފުރާނެ ކަމަށެވެ. ޕާކިސްތާނަށް އިންޑިއާއަށް އެތެރެވެވޭނީ ހަމައެކަނި މުމްބާއީ އެއާޕޯޓުން ކަމަށް ނިންމާފައި އޮތުމުން މިއަދުގެ އެންމެ ހެނދުނާ ފުރައިގެން ނޫނީ ޕާކިސްތާނަށް މާދަމާ ހެނދުނު ކުރިން އައުން ވާނީ އުނދަގޫ ކަމަށެވެ.

"އަހަރެމެން ޕްލޭން މި ކުރަނީ 20 ވަނަ ދުވަހު ހެނދުނު މޮރިޝަސްއިން ފުރަން. އެކަމަކު އެ ގަޑިއަށް އަދި ފްލައިޓް ހަމައެއް ނުޖެހޭ. ދެން އޮންނާނެ ގޮތަކީ ހަވީރު ފުރައިފިނަމަ، އަހަރެމެންނަށް މުމްބާއީއަށް ދެވޭނީ 20 ވަނަ ދުވަހުގެ ރޭ ދަންވަރު އެކެއް ޖަހާއިރަށް. މުމްބާއީން ބެންގަލޫރަށް މެންދަމު ފްލައިޓް ނޯންނާތީ، އަހަރެމެންނަށް ދެން އެންމެ އަވަހަށްވެސް ފުރޭނީ މެޗު އޮންނަ ދުވަހު ފަތިހު ފަހެއް ޖަހާއިރު. އޭރުން ގޮސް ބެންގަލޫރަށް ފޭބޭނީ ހެނދުނު އަށެއް ޖަހާއިރު،" ހައިދަރު ބުންޏެވެ.

އިންޑިއާ އާއި ޕާކިސްތާނުން މިއަހަރުގެ މުބާރާތުގެ ދެވަނަ މެޗުގައި މާދަމާ ރޭ އިންޑިއާ ބެންގަލޫރު ގަޑިން 7:30 ގައި ނުކުންނަ އިރު، މިހާރު ޕާކިސްތާނަށް ދަތުރު އޮތް ގޮތުން ކުޅުންތެރިންގެ ރިކަވަރީއަށް 12 ގަޑިއިރުވެސް ނުލިބޭނެއެވެ. ގާތްގަނޑަކަށް 14 ގަޑިއިރު ދަތުރު މަތީގައި ހޭދަކުރުމަށްފަހު 12 ގަޑިއިރު ނުލިބި ޕާކިސްތާނުން އިންޑިއާއާ ދެކޮޅަށް ނުކުންނަން ޖެހުނު ނަމަވެސް، އެ މެޗު ފަސްކުރަން އިންޑިއާގެ ފެޑަރޭޝަނުން ނުވިސްނާ ކަމަށް ނޫސްތައް ބުނެއެވެ.