ރާއްޖޭގެ ބަދަލުވަމުން އަންނަ ސިޔާސީ މަސްރަހަށް ބަލާއިރު 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ ވަރަށްގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ މަޖިލީހެއް ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ އަދާލަތު ޕާޓީން ހދ. މަކުނުދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ އެފަދަ މަޖިލީހެއްގައި ސާބިތު، ގާބިލު، އިހުލާސްތެރި، ނަޒާހާތްތެރި، ސާފު ވައެއް ނެތިއްޖެ ނަމަ ރާއްޖޭގެ މުސްތަގުބަލު ބަނަވެ ނާޒުކު ވެގެން ހިނގައިދާނެ ކަމަށެވެ.
"އެހެންކަމުން ދިވެހި ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަޅުގަނޑު، އަދާލަތު ޕާޓީގެ ފަރާތުން ކުރިމަތިލައްވާފައިވާ ހުރިހާ ދާއިރާއެއްގެ ބޭފުޅުންނަކީ ރާއްޖޭގެ މަސްލަހަތު އިސްކޮށް ގައުމުގެ މަސްލަހަތު އިސްކޮށް ދީނުގެ މަސްލަހަތު އިސްކޮށް ކުރިއަށް ވަޑައިންނަވާނެ ކެނޑިޑޭޓުންކަން ޔަގީންކަން ދެމޭ،" އޭނާ ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ އަދާލަތު ޕާޓީން އޮންނާނީ ސަރުކާރާ އެކުގައި ކަމަށެވެ. އެގޮތުން އަދާލަތު ޕާޓީއަށް ދެވޭ ކޮންމެ ވޯޓަކީ ސަރުކާރަށް ދެވޭ ވޯޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.