ޚަބަރު

އަދާލަތު ޕާޓީން ކެލާ ދާއިރާއަށް ކުރިމަތިލާ ކެނޑިޑޭޓު އެދާއިރާގެ އެމްޑީޕީ ކެނޑިޑޭޓަށް ތާއީދުކުރަނީ

އަހުމަދު ޖައިޝަން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީން ކެލާ ދާއިރާއަށް ކުރިމަތިލާ ކެނޑިޑޭޓު އެ ދާއިރާއަށް ކުރިމަތިލާ އެމްޑީޕީ ކެނޑިޑޭޓަށް ތާއީދުކުރުމަށް ނިންމައިފި އެވެ.

އެމްޑީޕީގެ ފަރާތުން ކެލާ ދާއިރާއަށް ކުރިމަތިލަނީ އެ ރަށު ރަތްކެޔޮގެ، އިބްރާހީމް ޝަރީފެވެ. އަދި އަދާލަތު ޕާޓީގެ ފަރާތުން އެ ދާއިރާއަށް ކުރިމަތިލަނީ ކެލާ، ފާށަނަ، ތޫބާ ރަޝީދެވެ.

އެކަމާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަދާލަތު ޕާޓީގެ ކެނޑިޑޭޓް އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދު ކުރަން ނިންމި ނިންމެވުމަށް މަރުހަބާ ދަންނަވާ ކަމަށެވެ.

"ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދުތައް ފުއްދުމަށް އެމްޑީޕީއާއި އޭޕީ ގުޅިގެން މަޖިލިސް 19ގެ އަޣުލަބިއްޔަތު ހޯދުމަށް މިކުރާ މަސައްކަތް ﷲ ގެ މިންވަރުފުޅާއެކު ކާމިޔާބުވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީއާއި އަދާލަތު ޕާޓީ ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ދާދި ފަހުން ދެ ޕާޓީން އެއްބަސްވެފައެވެ.