ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

އަލީ ވަހީދު، ގާސިމަށް: އެޖެންޑާ 19ގައި އޮތީ ބުދު ފައްޅި އަޅާ ވާހަކައެއް ނޫން، 19 ގާނޫނެއްގެ ވާހަކަ!

އެޖެންޑާ 19ގައި އޮތީ ބުދު ފައްޅި އަޅާ ވާހަކަ ނޫން ކަމަށާއި އޭގައި އޮތީ 19 ގާނޫނެއްގެ ވާހަކަ ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހީމަށް ނުސީދާ ގޮތެއްގައި އެ ޕާޓީގެ ރައީސް އަލީ ވަހީދު ފާޑުވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރައްވަމުން ގެންދަވާ އަލީ ވަހީދު އެހެން ވިދާޅުވި އިރު، އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ރާއްޖޭގައި ބުދު ފައްޅި އަޅާނެ ކަމަށް ޖޭޕީގެ މަޖިލިސް ކެމްޕޭންގެ ތެރެއިން އއ. ހިމަންދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ގޭސިމް ވިދާޅުވެފައިވެއެވެ.

"އެޖެންޑާ 19 އަކީ މި ތީމް. މިވެސް ބަލައިލުމެއް، ކަހާލުމެއް ނެތި، މީގައި އޮތީ ބުދުފައްޅި އެޅުމޯ، އޭއްޗެކޯ މީއްޗެކޯ. މި ކިޔާލަންވީ ނޫންތޯ. އެޖެންޑާ 19 އަކީ 19 ގާނޫނޭ އެނގޭތޯ. އެއީ ދިވެހި ރައްޔިތުންނަށް، ހެޔޮ ވެރިކަމަކަށް ރައްޔިތުންގެ ދިރިއުޅުން ބަދަލުކުރަން ދިވެހިރާއްޖޭގެ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހީ ހެޔޮ ބަދަލު. އެއީ އެޖެންޑާ 19 އަކީ. އެހެންވީމާ އަޅުގަނޑުމެން ލަދެއް ނުގަނޭ، ބިރެއް ނުގަނޭ،" އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ އެޖެންޑާ 19 އޭ ބުނަން ނުކުރޭ މީހުންވެސް މިއަދު ސަރުކާރުގައި އެބަތިބި ކަމަށާއި މައްސަލައަކީ އެއީ ކަމަށެވެ. އަދި ސަރުކާރުގައި ތިބެންޏާ ރަނގަޅަށް ސަރުކާރުގައި ތިބެން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ދެކޮޅަށް ފައިލައިގެން ތިބޭނެކަމެއް ނެތް، އޭރުން ދެފައި އިރައިގެން ދިޔައީމަ މަންޒަރު ވަރަށް ގޯސްވާނެ. އަޅުގަނޑުމެން ތިބޭ އެއްތާކު ތިބޭނީ. އަޅުގަނޑުމެން މިއަދު އަހުދާއި ވަހުދު ކޮންމެ ޕާޓީއެއްގައި ތިއްބަސް، އަޅުގަނޑުމެން ދިވެހި ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ، އަޅުގަނޑުމެން ޖަލަށް ވަދެ، އަޅުގަނޑުމެން ރާއްޖެއިން ބޭރަށް އަރުވާލެވި، އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް 23 ސެޕްޓެމްބަރުގައި އެންމެ ބޮޑު ވައުދަކަށް ވީ އެންމެ ވައުދެއް. އެއީ ރައީސް ޔާމީންގެ އަނިޔާވެރި ސަގާފަތް ނިންމާލަދޭން،" އޭނާ ވިދާޅުވިއެވެ.

އަލީ ވަހީދު އިތުރަށް ވިދާޅުވީ ފަސް އަހަރުގެ ދައުރު ނިމެންދެން އެންމެ މަދުވެގެން ފަސް އަހަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތްޕުޅުގައި ތިއްބަވާނެ ކަމަށް ޕާޓީތަކުގެ އިސްވެރިން ވައުދުވެވަޑައިގެންފައިވާ ކަމަށާއި އެ ވައުދާ އެއްގޮތަށް ކުރިއަށްދާން ޖެހޭ ކަމަށެވެ.