އިންޑިއާގައި މި މަހުގެ 21 ވަނަ ދުވަހު ފެށުމަށް ތައްޔާރުވެފައިވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުން އަންނަ އިންޑިއާއިން އަމިއްލަ ގައުމުގައި ކުޅުނު އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކޮށްފިއެވެ.
މިމަހުގެ ނުވަވަނަ ދުވަހުން ފެށިގެން އިންޑިއާގެ ބުބަނެސްވާރުގެ ކަލިންގާ ސްޓޭޑިއަމްގައި ކުޅެމުން ދިޔަ އިންޓަކޮންޓިނެންޓަލް ކަޕުގައި ވާދަކޮށްފައި ވަނީ ހަތަރު ގައުމަކުންނެވެ. މީގެ ކުރިން ދެ ފަހަރު ބާއްވާފައި އޮތް މުބާރާތް މި އަހަރުގެ ސާފްގެ ކުރިން ބާއްވަން އިންޑިއާ އިން ތާވަލުކޮށްފައި ވަނީ އެ މުބާރާތަށް ރަނގަޅަށް ތައްޔާރުވުމަށެވެ. މި ފަހަރުގެ މުބާރާތުގައި ސާފްގައި ވާދަކުރާ ލުބުނާނާއި އިންޑިއާގެ އިތުރުން ދެން ވާދަކުރަނީ ވަނުއަޓޫ އާއި މޮންގޯލިއާއެވެ.
މުބާރާތުގެ ފައިނަލުގައި ރޭ އިންޑިއާއިން ނުކުތީ ލުބުނާނާ ދެކޮޅަށެވެ. އެ މެޗު 2-0 އިން ކާމިޔާބުކޮށް އިންޑިއާއިން އިންޓޮކޮންޓިނެންޓަލް ކަޕް ނިންމާލީ ހަތަރު މެޗުގައިވެސް ކޮޅަށް ގޯލެއް ވަނަ ނުދީއެވެ. ހަތަރު މެޗުން ފަސް ގޯލް ޖެހިއިރު، އިންޑިއާ އެއްވަރުވީ އެއް މެޗުންނެވެ. އެއީ ލީގު ބުރުގައި ލުބުނާނާ އެކު ކުޅުނު މެޗުގައި 0-0 އިންނެވެ.
ރޭގެ މެޗުގައި އިންޑިއާގެ ފުރަތަމަ ގޯލް، ލަލިއާންޒޫލާ ޗާންގްޓޭ ނަގައިދިން ހުރަހަކުން ޖަހައިދިނީ ސުނިލް ޗެތުރީއެވެ. އެއީ އުމުރުން 38 އަހަރުގެ ފޯވަޑް ގައުމީ ޖާޒީގައި ޖެހި 87 ވަނަ ގޯލެވެ.
އިންޑިއާއިން 66 ވަނަ މިނެޓުގައި ނަތީޖާގެ ފަރަގު ބޮޑުކުރީ ލަލިއާންޒޫލާ ޖެހި ގޯލުންނެވެ.
ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާއިން ގްރޫޕް އޭގައި ވާދަކުރާ އިރު، ފުރަތަމަ މެޗުގައި ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ.