ރައްޔިތުން މަޖިލީހުގެ ރިޔާސަތު މިވަގުތު ބަލަހައްޓަވަމުން ގެންދަވާ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު މިއަދު "ވަން" އަށް ވިދާޅުވީ ރައީސް ސޯލިހާއި އަފީފް މިއަދު ބައްދަލުކުރައްވާފައިވާ ކަމަށާއި އެ ބައްދަލުކުރެއްވުމަކީ އަފީފްގެ އެދިވަޑައިގަތުމަކަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ހާމައެއް ނުކުރައްވައެވެ.
އެނގިފައިވާ ގޮތުގައި އަފީފް، ރައީސް ސޯލިހާ ބައްދަލުކުރެއްވީ މިހާރު މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި އޮތުމާއި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރެއްވުމަށެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހާޅަފައިވާތީ، އެމަނިކުފާނު ވަނީ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގެންފައެވެ. އެހެންވެ، މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުންދަނީ އަފީފެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވަނީ ހުށަހަޅައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނަމަ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސް ކަމަށް މަޖިލިސް ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި ބަޔާންވެގެންވެއެވެ.
ނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހާޅަފައިވާތީ، އެމަނިކުފާނު ވަނީ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގެންފައެވެ. އެހެންވެ، މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވަނީ އަފީފެވެ.
މަޖިލީހުގެ ރައީސް ނަޝީދު ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގެންނެވުމަށްފަހު މިއީ އަފީފް މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާ ތިން ވަނަ ޖަލްސާއެވެ.
ރައްޔިތުން މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައިވާ ގޮތުން މަޖިލީހުގެ ރައީސާއި މަޖިލީހުގެ ނައިބު ރައީސް، މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި ޖަލްސާގެ ރިޔާސަތު ބަލަހައްޓެ މެމްބަރެއް ގާނޫނު އަސާސީގެ 82 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް ކަނޑައަޅަންވާނެ ކަމަށެވެ. އަދި އެގޮތަށް ކަނޑައަޅާނީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މެމްބަރުންގެ ތެރެއިން ޖުމްލަ ފަސް މެމްބަރެކެވެ. އަދި އެއިން މެމްބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގެ މުއްދަތަށެވެ.