ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ހަތަރު ޕާޓީއަށް ގޮނޑި ނުބެހުނީމާ، ކުޑަކޮށްވެސް ދެރައެއް ނުވޭ: އަލީ ވަހީދު

ސަރުކާރު ކޯލިޝަންގެ ހަތަރު ޕާޓީއަށް ގޮނޑި ނުބެހުނީމާ، ކުޑަކޮށްވެސް ދެރަ ނުވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ނ. މަނަދޫގައި ބޭއްވި އެމްޑީޕީ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށާއި އަދި ހަމައެއާއެކު ޖުމްހޫރީ ޕާޓީއަކީ ވެސް މިދިޔަ އިންތިހާބުތަކުގައި މުހިންމު ޕާޓީއެއްކަން ދައްކުވައިދީފައިވާ ކަމަށެވެ.

"އަދާލަތު ޕާޓީއަކީ ރާއްޖޭގެ އިސްލާމީ ރެގިއުލްސްތައް ހިފަހައްޓައި، ދަމަހައްޓައި، އަޅުގަނޑުމެންގެ ކާބަފައިންގެ ޒަމާނުއްސުރެ އޮތް ރީތި އުސޫލުތައް ދަމަހައްޓަން މުހިންމު ފިކުރިއްޔާތެއް. ރައީސް މައުމޫނަކީ ވެސް ދިވެހި ގައުމަށް ވަރަށް ގިނަ ދުވަހު ހިދުމަތްކުރައްވާފައި ހުރި ފިކުރެއް ގެންގުޅުއްވާ ބޭފުޅެއް، ނުވަތަ ޕާޓީއެއް. އެހެންވީމާ އަޅުގަނޑުމެންނަށް މިއަދު، މި ޒަމާނަކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއްގައި ހަގީގަތުގައި މަތިން އަންގާފައި، އޭނާއަށް ވޯޓުލާށޭ، މީނައަށް ވޯޓުލާން، އެއެއް ނުހިނގާނެ. އަޅުގަނޑު ހަގީގަތުގައި ދެރައެއް ނުވޭ ހަތަރު ޕާޓީއަށް ގޮނޑި ނުބެހުނީމަކާ. ހަމަ ކުޑަކޮށް ވެސް ދެރައެއް ނުވޭ،" އޭނާ ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ވަކި ކެންޑިޑޭޓަކަށް ވޯޓު ދޭށޭ ބުންޏަސް ރައްޔިތުން ވޯޓު ލާނީ ރައްޔިތުން ބޭނުންވާ ކެންޑިޑޭޓަކަށް ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި އެމަނިކުފާނަށް ތާއީދުކުރާ މީހުންނަށް އިހާނެތިކޮށް ހިތުމުގެ ޒައްރެއްގެ މިންވަރުގެ އިހުސާސެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ޝަރީއަތްތަކާއި ފުލުހުންނާއި ސިފައިން ކުރާ ތަހުގީގުތައް މިނިވަންކަމާ އެއްކޮށް، ހިނގައިގެން ދިޔައީމާ އެ އަންނަ އެއްޗެއް އެއީ ރަނގަޅު އެއްޗެއް. ޓޫރިޒަމް މިނިސްޓަރުގެ ކާރުކޮޅު ގޮސް، ރާއްޖޭގެ ކޯޓުތަކުގައި ދަންވަރު ދަޅައިގައި އޮއްވަކާއެއް ނުފެންނާނެ މިހާރަކު. އެހެންވީމާ އަޅުގަނޑުމެން ބޭނުންވަނީ ދިވެހިރާއްޖެއަށް އަދުލު އިންސާފު އަންނަން. ކޮންމެ މީހަކަށް ވެސް އިންސާފު ލިބިގެން ދާން،" އޭނާ ވިދާޅުވިއެވެ.

އަލީ ވަހީދު އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވެސް ގެންނަނީ ރައްޔިތުން ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ރަނގަޅަށް ހިދުމަތް ކުރުމުގެ ފުރުސަތު ވެސް ދެވޭނީ ރައްޔިތުންނަށް ކަމަށެވެ.