ސާފް 2023

އެކްސްކްލޫސިވް: ރާއްޖެއަށް އުފާވެރިކަން ގެނެސްދޭން ކުރެވުނު ހުރިހާ ކަމެއް ޓީމުން ކުރާނެ: މޮރިއޭރޯ

މުޙައްމަދު ޝަމްޢޫން

ބެންގަލޫރުން: މުހައްމަދު ޝައްމޫން - ވަން އޮންލައިން

ކުރިއަށްއޮތް ސާފް ޗެމްޕިއަންޝިޕްގައި ކާމިޔާބީ ހޯދައި، ރާއްޖެއަށް އުފާވެރިކަން ގެނެސްދޭން ޓީމުގެ ކުޅުންތެރިންނާއި ހުރިހާ އޮފިޝަލުންވެސް ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށް ގައުމީ ޓީމުގެ ކޯޗު، ފްރަންޗެސްކޯ މޮރިއޭރޯ ބުނެފިއެވެ.

އިންޑިއާގެ ބެންގަލޫރުގައި ހުރެ، "ވަން ސްޕޯޓްސް" އަށް އެކްސްކްލޫސިވްކޮށް ކޯޗު ބުނީ ޓީމުގެ ތައްޔާރީތައް ދަނީ ރަނގަޅަށް ކަމަށާއި، އެކަށީގެންވާ ކޭމްޕެއް ލިބުމުން ކުޅުންތެރިންނާއެކު ރަނގަޅު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. ރާއްޖޭގެ ޓީމުން ސާފުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ބެންގަލޫރުގައި ކުރަމުން އަންނައިރު، އިއްޔެއާއި މިއަދުވެސް ވަނީ ބެންގަލޫރުގައި ތަމްރީނުތައް ކުރިއަށް ގެންގޮސްފައެވެ. މިފަހަރުގެ މުބާރާތުގެ ގްރޫޕް ބީގައި ރާއްޖެއިން ވާދަކުރާއިރު، ރާއްޖޭގެ އިތުރުން ދެން އެގްރޫޕުގައި ހިމެނެނީ ބޫޓާނާއި ލުބުނާންގެ އިތުރުން ބަންގްލަދޭޝް އެވެ.

ރާއްޖެއިން މިފަހަރުގެ މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. މުބާރާތަށް ތައްޔާރުވާން ޓީމުން 10 ދުވަހު ޖަޕާނުގައި ކޭމްޕް ކޮށްފައިވާއިރު، ކޯޗުގެ ނަޒަރުގައި އެ ކޭމްޕު ކާމިޔާބެވެ.

"ތަމްރީނު ކޭމްޕްގައި ކުރެވުނު މަސައްކަތް ވަރަށް ރަނގަޅު. އަހަންނަށް ކުޅުންތެރިންނާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ލިބުނު. ޚާއްސަކޮށް އަހަރެން ބޭނުންވާ ސްޓައިލަށް މަސައްކަތްތަކެއް ކުރަން ލިބުނު. އަހަރެން ބޭނުންވަނި ތަމްރީނުތަކުގައި ބޭނުންކުރި އުކުޅުތައް، ދަނޑުމަތީގައި، މެޗުތަކުގައިވެސް ބޭނުންކުރަން،" ތަމްރީނުތަކާމެދު އިޓަލީގެ މޮރިއޭރޯ ބުންޏެވެ.

ގައުމީ ޓީމުން ޖަޕާނުގައި ކުރިއަށްގެންދިޔަ ތަމްރީނު ކޭމްޕްގައި މެޗެއް ރާވާފައި އޮތްނަމަވެސް، ވިއްސާރަވެގެން އެ މެޗު ކުޅެވިފައެއް ނުވެއެވެ. އެހެންކަމުން މިފަހަރު ޓީމު މުބާރާތަށް ނުކުންނާނީ އެކުވެރިކަމުގެ މެޗެއް ކުޅުމަކާނުލައެވެ. މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ފެންވަރާ ގުޅޭ ގޮތުން، އަދި މުބާރާތުގައި ރާއްޖެއަށް އޮތް ފުރުސަތާ ގުޅޭ ގޮތުން ކޯޗު މޮރިއޭރޯ ބުނީ އިދިކޮޅު ހުރިހާ ޓީމަކަށް އިހުތިރާމް ކުރާނެ ކަމަށާއި، މުބާރާތުގައި އޮތީ ވަރުގަދަ ޓީމުތަކެއް ކަމަށެވެ.

"މުބާރާތުގައި ވާދަކުރާނީ ވަރުގަދަ ޓީމުތައް. އަހަރެމެން މެޗުތަކަށް ނުކުންނާނީ އިދިކޮޅުން ނުކުންނަ ހުރިހާ ޓީމަކަށްވެސް އިހުތިރާމް ކޮށް، އިދިކޮޅު ޓީމުގެ ފެންވަރަށް ސަމާލުވެސް ވެގެން،" މޮރިއޭރޯ ބުންޏެވެ.

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ސަރަހައްދުން ބޭރުގެ ޓީމުތައް ވާދަކުރާ ފުރަތަމަ ސާފް ޗެމްޕިއަންޝިޕެވެ. ޚާއްސަ ދައުވަތަކަށް މިއަހަރުގެ މުބާރާތުގައި ސަރަހައްދުން ބޭރުން ކުވައިތާއި ލުބުނާން ވާދަކުރާނެއެވެ. ދެން ވާދަކުރާނީ ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، އަދި ނޭޕާލާއި ޕާކިސްތާނެވެ. ރާއްޖޭގެ ކޯޗުގެ ނަޒަރުގައި މުބާރާތުން ކާމިޔާބު ހޯދުމަށް ޓީމަށް އޮތް އެންމެ މުހިއްމު ކަމަކީ "ޓީމެއްގެ ގޮތުގައި، އެކައްޗެއް ކިޔައިގެން،" މަސައްކަތް ކުރުމެވެ. މޮރިއޭރޯ ބުނީ ސަޕޯޓަރުންނަށް، މުޅި ރާއްޖެއަށް އުފާވެރިކަން ގެނެސްދޭން ކުރެވުނު ކޮންމެ މަސައްކަތެއް ޓީމުން ކުރާނެ ކަމަށެވެ.

"އަހަންނާއި އަހަރެންގެ ކޯޗިން ޓީމުން މި ޓީމާއެކު މަސައްކަތް ކުރާތާ ދުވަސްކޮޅެއް ވެއްޖެ. އަހަރެމެން ކުރިމަތިލާނީ މެޗަކަށްފަހު މެޗަކަށް ފޯކަސް ކޮށްގެން. އަދި 100 ޕަސެންޓް މަސައްކަތް ކުރާނަން އުންމީދުކުރާ ނަތީޖާ ހޯދަން، ރާއްޖޭގެ ރައްޔިތުންނަށް، ދިވެހީންނަށް އުފާވެރިކަން ގެނެސްދޭން،" އިޓަލީގެ އިންޓަ މިލާނާއި ރޯމާ ފަދަ ކްލަބުތަކަށް ގިނަ މެޗުތަކެއް ކުރިން ކުޅުނު މޮރިއޭރޯ ބުންޏެވެ.

ކޯޗު ބުނީ މުބާރާތުގެ ކޮންމެ މެޗެއްވެސް ޗެލެންޖަކަށް ވާނެ ކަމަށާއި، އަދި ކޮންމެ މެޗެއްވެސް މުހިއްމު ވާނެ ކަމަށެވެ. އަދި ދަނޑު ބޭރުންނާއި އެތެރެއިން ކުރިމަތިލާން ޖެހޭ ކޮންމެ މިނެޓަކުވެސް ޗެލެންޖްތަކާ ކުރިމަތިވާނެ ކަމަށާއި، ކާމިޔާބު ހޯދުމަށް އެ ޗެލެންޖްތައް ގިރާކުރާނެ ކަމަށްވެސް މޮރިއޭރޯ ބުންޏެވެ.