ނަތީޖާ ބެލުމަށް، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މުވައްޒަފުން ހަފުތާއަކު ހަތަރު ދުވަހު އޮފީހަށް ނުކުންނަ ގޮތަށް ހަމަޖައްސައިފިއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ، އެ އޮފީހުގެ މުވައްޒަފުން ހަފުތާއަކު ހަތަރު ދުވަހު މަސައްކަތްކުރުމުން ނެރެވޭ ނަތީޖާ ތަޖުރިބާކުރުމަށް މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އަންނަ އޮގަސްޓް މަހުގެ ހަތަރު ވަނަ ދުވަހަށް އެ އޮފީހުގެ މުވައްޒަފުން އޮފީހަށް ހާޒިރުވެ މަސައްކަތް ކުރާނީ ހަފުތާއަކު ހަތަރު ދުވަހު ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކަނޑައަޅުއްވާފައިވާ ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ، ހަތަރު ދުވަހުގެ މަސައްކަތު ހަފުތާ ގެ މުއްދަތުގައި މުވައްޒަފުންގެ ޕާފޯމަންސް ދުވަހުން ދުވަހަށް ބަލަމުންގޮސް، މި ތަޖުރިބާއަކީ ނާކާމިޔާބު ތަޖުރިބާއެއް ނަމަ، މި ތަޖުރިބާ ހުއްޓާލައި އާންމު އުސޫލުން ފަސް ދުވަހު މަސައްކަތްކުރާގޮތަށް އަލުން އިއާދަ ކުރެވޭނެ ކަމަށެވެ.
ޕީޖީ އޮފީހުން މިދިޔަ ރޯދަ މަހުގެ ތެރޭގައިވެސް ވަނީ ހަތަރު ދުވަހުގެ މަސައްކަތު ހަފުތާއެއް ކުރިއަށް ގެންފޮސްފައެވެ.
ޕީޖީ އޮފީހުން އިތުރަށް ބުނީ، އެ އޮފީހުގެ މުވައްޒަފުންނަކީ ވަޒީފާއާއި އާންމު ދިރިއުޅުމުގައި ބެލެންސެއް ގެންގުޅޭ، ނަފުސާނީ، ރޫހާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމަކީ ޕްރޮސިކިއުޓާ ޖެނެރަލްގެ ތަސައްވުރެެއް ކަމަށެވެ.