ޚަބަރު

ޕީޕީއެމް އޮތީ ކޮންމެ ޕާޓީއަކާ ގުޅިގެންވެސް މިވެރިކަން ނިންމަން ތައްޔާރަށް: ތޯރިގު

ޕީޕީއެމް އޮތީ މި ވެރިކަން ނިންމުމަށްޓަކައި ކޮންމެ ޕާޓީއަކާ ގުޅިގެންވެސް މަސައްކަތް ކުރަން ތައްޔާރަށް ކަމަށް މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެއެވެ.

ތޯރިގު މިހެން ވިދާޅުވީ ރޭ ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި "ދަ ޑިމޮކްރެޓްސް" ގެ މެންބަރުން ގުޅިގެން ސަރުކާރާ ދެކޮޅަށް ފުރަތަމަ ފަހަރަށް ރޭ މުޒާހަރާ ކުރުމާ ގުޅިގެންނެވެ.

ތޯރިގު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 9 ސެޕްޓެމްބަރުގައި 2023 އެއީ އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަން ނިމޭ ދުވަސް ކަމަށެވެ.

"ޕީޕީއެމް އޮތީ ރައީސް ސޯލިހުވެރިކަމުން ބޭލުމަށް ކުރަންހުރި ކޮންމެ ކަމެއް، ގުޅިގެން އެކުގައި މަސައްކަތް ކުރަން ތިބި ކޮންމެ ޕާޓީއަކާ ގުޅިގެން މި ވެރިކަން ނިންމަން ތައްޔާރަށް،" ތޯރިގު ވިދާޅުވިއެވެ.

މިއީ ދަ ޑިމޮކްރެޓްސް އިން ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރި ފުރަތަމަ ފަހަރެވެ. މި މުޒާހަރާ ކުރިއަށް ގެންގޮސްފައިވަނީ ކުރީގެ އެމްޑީޕީގެ ހަރުގެ އަދި މިހާރު ޑިމޮކްރެޓުން ބޭނުންކުރާ ހަރުގެ ކުރިމަތީގައެވެ. ދެ ޕާޓީގެ މަޖިލިސް މެންބަރުންނާއި އިސްވެރިން ވަނީ މުޒާހަރާގައި ހަރަކާތްތެރިވެފައެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި "ދަ ޑިމޮކްރެޓްސް" ގެ މެންބަރުން ގުޅިގެން މުޒާހަރާ ކޮށްފައި މިވަނީ "ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާއަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ނުދީގެންނެވެ.

"ދަ ޑިމޮކްރެޓްސް" ޕާޓީ ރަޖިސްޓްރީކުރުން ލަސްވާތީ އެ ޕާޓީ އުފައްދަން މަސައްކަތްކުރައްވާ ބޭފުޅުން އިއްޔެ އީސީއަށް ވަޑައިގެންނެވުމުން، އެކޮމިޝަންގެ ރައީސް ފުއާދު ތައުފީގު، އެ ބޭފުޅުންނާ ބައްދަލުކުރައްވައި ވިދާޅުވީ ކޮމިޝަންގެ ދެ މެންބަރުން ކަމަށްވާ އަލީ ނަޝާތާއި މުހައްމަދު އާސިފު ވަނީ ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކުރުމާ ދެކޮޅަށް ވޯޓު ދެއްވާފައި ކަމަށާއި އެހެންވެ އެ ޕާޓީ ރަޖިސްޓްރީ ނުކޮށްދެވޭނެ ކަމަށެވެ.

"އެބޭފުޅުން ބައްލަވަން ބޭނުންފުޅުވާ ކަންކަން ސީދާ ވިދާޅެއް ނުވޭ. އެބޭފުޅުން ހަޅޭފުޅުލައްވާފައި ވަޑައިގެންފި. ވޯޓު އެއްވަރުވީ. އެހެންވެ، ހުއްދަ ދޭން މިވަގުތަށް ފާސްނުވީ،" ފުއާދު ވިދާޅުވިއެވެ.

އީސީން، އެ ޕާޓީ ރަޖިސްޓްރީކުރުމާ މެދު ދެން ގޮތެއް ނިންމުމަށް ހަމަޖެހިފައިވަނީ ގާނޫނުގައި ބުނާ ތިން މަސް ދުވަހުގެ ތެރޭގައެވެ. ފޯމާއެކު ރަޖިސްޓްރީކުރަން ދަ ޑިމޮކްރެޓްސް ހުށަހެޅި ތިން މަސް ދުވަހުގެ މުއްދަތު ހަމަވާނީ ސެޕްޓެމްބަރު 1 ގައެވެ.