ޚަބަރު

އީދު ބަންދުގެ ތެރެއިން މިމަހުގެ 26 ގައި ބީއެމްއެލް ހުޅުވާނެ

އަޟްހާ އީދާ ގުޅިގެން އަންނަ ބަންދުގެ ތެރޭގައި މިމަހުގެ 26 ވަނަ ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހުޅުވާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލުން މިއަދު ބުނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމާފައިވާ ގޮތަށް، އަޟްހާ އީދާ ގުޅިގެން އަންނަ ބަންދު ދުވަސްތަކުގެ ތެރޭގައި އެ ބޭންކް ހުޅުވާނީ މިމަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށް ކަމަށެވެ.

ބަންދު ދުވަސްތަކުގައި އިންޓަނެޓް ބޭންކިން އަދި މޯބައިލް އެޕް މެދުވެރިކޮށް ކަސްޓަމަރުން ބޭންކިން ހިދުމަތް ހޯދުމަށް އެދޭ ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

އޭގެ އިތުރުން މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމުކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިން ހިދުމަތްތައްވެސް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

އަޟްހާ އީދާ ގުޅިގެން މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުވާނެއެވެ.