ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރިޔާސީ ކޮމިޝަން ގަބޫލުކުރާ ބަޔަކު މަޖިލީހުގައި ތިބެންޖެހޭ: ރައީސް

ޝަހީދާ އަބްދުﷲ ސައީދު

ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދާފައިވާ ރިޔާސީ ކޮމިޝަން ގަބޫލުކުރާ ބަޔަކު ރައްޔިތުންގެ މަޖިލީހުގައި ތިބެންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކުޑަހުވަދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ޝާތިރު އަބްދުއްރަހުމާނުގެ ކެމްޕެއިން ޖަލްސާގައި މިއަދު ދ. ކުޑަހުވަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގައި ގޮތް ނޭނގޭ މަރުތައް ގިނަވެ، ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް އިތުރުވުމާ ގުޅިގެން އެކަން ބެލުމަށް ރައްޔިތުން ބޭނުންވާ ކަމަށެވެ.

އަދި ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ބަލައިދިނުމަށް އުފެއްދެވި ރިޔާސީ ކޮމިޝަން ގަބޫލު ނުކުރާ، އަދި އެކޮމިޝަނަށް ގާނޫނީ ބާރުތައް ދިނުމަށް މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލުތައް ގަބޫލުނުކުރާ ބަޔަކު މަޖިލީހުގައި އެބަތިބި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވިގޮތުގައި 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ގެންނަންވާނީ ރިޔާސީ ކޮމިޝަނާއި އެކޮމިޝަނަށް ބާރުތައް ދިނުމަށް ބޭނުންވާ ބިލުތައް ގަބޫލުކުރާ ބައެކެވެ.

އަދި މަޖިލީހަށް ބިލުތައް ހުށަހެޅުމުން ކަންބޮޑުވާ މެންބަރުން އެބަތިއްބެވި ކަމަށާއި ރާއްޖެއިން ވައްކަމާއި ކޮރަޕްޝަން ނައްތައިލަން އެބޭފުޅުން ބޭނުން ނުވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަނަށް ގާނޫނީ ބާރުތައް ހޯދުމަށް މަޖިލީހަށް ބިލުތައް ހުށަހެޅި ނަމަވެސް، ތިން ޖަލްސާއަށް އެޖެންޑާކޮށް ވޯޓަށް އަހާފައި ނުވަނީ ގާނޫނީ އަދަދު ހަމަވާ ވަރަށް މެންބަރުން ނެތުމުންނެވެ.

ހަތަރުވަނައަށް ބިލަށް ވޯޓަށް އަހަން އެޖެންޑާކުރުމަށް ފަހު އަނބުރާ ބިލު ވަނީ ކޮމެޓީއަށް ފޮނުވާލާފައެވެ. ރިޔާސަތުން ވެސް އަދި އިދިކޮޅު މެންބަރުންވެސް ވިދާޅުވެފައިވަނީ ކޮމެޓީން ފާސްކުރި ގޮތާއި ހިލާފަށް ބިލަށް ބަދަލު ގެނެސްފައިވާކަމަށެވެ.