ޚަބަރު

ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ވިޔަނުދޭން އީސީގެ ދެ މެމްބަރަކު ދަނީ މަސައްކަތް ކުރަމުން: ހަސަން ލަތީފް

މުހައްމަދު އިޝާން

އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރައްވާ "ފިކުރެއްގެ ދިރުމުން" ރަޖިސްޓްރީކުރަން އުޅޭ ސިޔާސީ ޕާޓީއެއް ކަމަށްވާ "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީވިޔަ ނުދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ދެ މެމްބަރަކު މަސައްކަތްކުރަމުންދާ ކަމަށް "ދަ ޑިމޮކްރެޓްސް" އުފެއްދުމުގައި އިސްކޮށް އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ދަ ޑިމޮކްރެޓްސްގެ ރަޖިސްޓްރީ ލަސްވަމުންދާ މައްސަލައިގައި އީސީއާ ބައްދަލުކުރުމަށްފަހު، ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ހަސަން ލަތީފް މިއަދު ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފެއްދުމަކީ މިހާރުން މިހާރަށް ވެސް ކުރެވިދާނެ ކަމެއް ކަމަށެވެ. ނަމަވެސް ޕާޓީއެއް ނުއުފެއްދި ލަސްވަމުން ދަނީ އީސީގެ ދެ މެމްބަރަކު އެކަމަށް ހުރަސް އަޅަމުންދާތީ ކަމަށެވެ.

"މިހާރުން މިހާރަށް ވެސް ކުރެވެން އޮތްް ކަމެއް މިކަމަކީ. އެހެން ނަމަވެސް ލަސްކުރަމުންދާ ތަންް އަޅުގަނޑުމެންނަށް މި ފެންނަނީ. އެއްގޮތުން ނޫނިއްޔާ އަނެއް ގޮތެއް ހޯދައިގެން ވެސް މި ޕާޓީ ރަޖިސްޓްރީ ވިޔަ ނުދޭން އިލެކްޝަންސް ކޮމިޝަނުގެ ދެ މެންބަރަކު މަސައްކަތް ކުރާކަން އަޅުގަނޑުމެނަށް ފާހަގަކުރެވިފައިވަނީ،" ހަސަން ލަތީފް ވިދާޅުވިއެވެ.

ޕާޓީ ރަޖިސްޓްރީ ވިޔަނުދިނުމަށް ހުރަސް އަޅަމުންދާ ކަމަށްބުނާ އީސީގެ އެ ދެ މެމްބަރުންގެ ނަމެއް އޭނާ ވިދާޅެއް ނުވެއެވެ. ނަމަވެސް އޭނާ ވިދާޅުވީ އީސީގެ ރައީސް ފުއާދު ތައުފީގާއި ނައިބު ރައީސް އިސްމާއީލް ހަބީބު އެކަމަށް ހުރަސް އަޅުއްވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

އީސީގައި ތިއްބަވަނީ ފަސް މެމްބަރުންނެވެ. އެއީ ފުއާދާއި ހަބީބުގެ އިތުރުން އަލީ ނަޝާތާއި ޑރ. މުހައްމަދު ޒާހިރު އަދި މުހައްމަދު އާސިފެވެ.

ޑިމޮކްރެޓްސް އުފެއްދުމަށް ގާނޫނުގައި ބުނާ 3،000 މެންބަރުންގެ ސޮއި ހަމަކުރުމަށް ތިން މަސް ދުވަސް އީސީން ދިނެވެ. އެ އަދަދަށް މެންބަރުން ހަމަކޮށް "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީކުރަން 3560 ފޯމު އީސީއަށް ހުށަހެޅީ މި މަހުގެ އެއްވަނަ ދުވަހުއެވެ.

"ދަ ޑިމޮކްރެޓްސް"ގެ ރަޖިސްޓަރީ ލިބުން ލަސްވާ ކަމަށްބުނެ، ޑިމޮކްރެޓްސްގެ އިސް ފަރާތްތަކުން މިހާރު އަންނަނީ އީސީގައި ހަރަކާތްތެރިވަމުންނެވެ.

ރަޖިސްޓްރީ ލަސްވަމުންދާ މައްސަލައާ ގުޅިގެން އީސީގެ ރައީސް ފުއާދު "ވަން" އަށް މިއަދު ވިދާޅުވީ، ޑިމޮކްރެޓްސްއިން ހުށަހަޅާފައިވާ ފޯމުތައް ޕްރޮސެސްކުރަމުން އަންނަ ކަމަށާއި މައްސަލަ އުޅެނީ ވަރަށް މަދު ފޯމެއްގައި ކަމަށެވެ.

"އަޅުގަނޑުމެން ކުރިން ބެލީ މިއަދު ރަސްމީ ގަޑީގައި ރަޖިސްޓްރީ ހަވާލުކުރެވޭނެ ކަމަށް. އެހެންނަމަވެސް މިހާރު މި ބަލަނީ އިރުއޮއްސޭ އިރު ނޫނީ ޔަގީނުންވެސް މިރޭ 8:00 ގެ ކުރިން ހަވާލު ކުރެވޭނެ ކަމަށް،" ފުއާދު ވިދާޅުވިއެވެ.

ފުއާދު އިތުރަށް ވިދާޅުވީ، މައްސަލަ އުޅޭ ފޯމުތަކުގައިވެސް ހުރީ ވަރަށް ކުދިކުދި މައްސަލަތައް ކަމަށެވެ.

"ދަ ޑިމޮކްރެކްޓްސް" އިން ވަނީ އަންނަ ސެޕްޓެމްބަރު މަހުގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނެކަން ވެސް އިއުލާނުކޮށްފައެވެ.