ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކުޑަހުވަދޫގައި ސަރަހައްދީ ބަނދަރެއް ހެދުމުގެ ވިސްނުން އެބަހުރި: ރައީސް

ޝަހީދާ އަބްދުﷲ ސައީދު

ދ. ކުޑަހުވަދޫގައި ސަރަހައްދީ ބަނދަރެއް ހެދުމުގެ ވިސްނުންފުޅު އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ ކުޑަހުވަދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ޝާތިރު އަބްދުއްރަހުމާނުގެ ކެމްޕެއިން ޖަލްސާގައި މިއަދު ދ. ކުޑަހުވަދުއަށް ވަޑައިގެން އެރަށުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ ކުޑަހުވަދޫ ދާއިރާގެ ތަރައްގީއަށް ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ކުޑަހުވަދޫ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކޮށް އެތަނުން ލިބެންޖެހޭ ވަސީލަތްތައް ގާއިމްކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އަދި ކުޑަހުވަދޫ ހޮސްޕިޓަލުގެ އާއިމާރާތުގެ މަސައްކަތް މިއަހަރު ފެށުމަށް ބަޖެޓްކޮށްފައިވާ ކަމަށާއި ހޮސްޕިޓަލަކީ ޒަމާނީ ފެންވަރުގެ ހިދުމަތްތައް ލިބޭ ހޮސްޕިޓަލަކަށް ކުޑަހުވަދޫ ހޮސްޕިޓަލު ބަދަލުވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރަހައްދީ ބަނދަރެއްގެ ގޮތުގައި ކުޑަހުވަދޫ ބަނދަރު ތަރައްގީކުރުމުގެ ސިޔާސަތެއް އެބައޮތް ކަމަށާއި އެވިސްނުން އެބަހުރި ކަމަށެވެ. އަދި އެކަމަށް ސާވޭ ކުރުމަށް މިއަހަރުގެ ބަޖެޓްގައި ހިމަނާފައިވާ ކަމަށެވެ. އަދި ކުޑަހުވަދޫ ބަނދަރު ވެގެންދާނީ ސަރަހައްދީ ބަނދަރަކަށް ކަމަށް ވިދާޅުވިއެވެ.

އަދި ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ކުޑަހުވަދޫ ރައްޔިތުންނަށް އެރަށު ހިއްކި ބިމުން ގޯތި ދޫކުރާނެ ކަމަށް ރައީސް ވިދާޅުވިއެެވެ. އެކަމަށްޓަކައި ހިއްކި ބިމުގައި ލޭންޑްޔޫސް ޕްލޭނެއް ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި އޭގެ ފަހުން ގޯތި ދޫކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުންވެސް ކުޑަހުވަދޫ މަގުތައް ހެދުމާއި ޒަމާނީ ފެންވަރަށް އެރަށު ފުޓްބޯޅަ ދަނޑު ތަރައްގީކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ނިމިގެންދާއިރު ކުޑަހުވަދޫއާއި މާއެނބުދޫ އަކީ ވަސީލަތްތައް ގިނަ ހިދުމަތްތައް ފަސޭހައިން ލިބެންހުރި ދެރަށަށް ވެގެންދާނެ ކަމަށެވެ.

މީގެއިތުރުން މާއެނބޫދޫގެ ބިން ހިއްކުމުގެ މަސައްކަތް މިއަހަރުގެ ބަޖެޓްގައި ހިމަނާފައިވާ ކަމަށާއި އަދި އެރަށުގައި ޔޫތު ސެންޓަރު އެޅުމުގެ މަސައްކަތްވެސް ބަޖެޓްކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މާއެނބޫދޫ ސުކޫލަށް ބޭނުންވާ މަލްޓިޕާޕަސް ހޯލް އެޅުމަށާއި ފުޓްބޯޅަ ދަނޑު ޒުވާނުން ބޭނުންވާގޮތަށް ހައްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ތަރައްގީ ގެނެވޭނީ ޝާތިރު ފަދަ އިހުލާސްތެރިން މަޖިލީހަށް އިންތިހާބު ކުރުމުންކަން ފާހަގަކުރައްވައި ޝާތިރަށް ވޯޓް ދިނުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.