މުހައްމަދު ޖަމްޝަތް ވަހީދު
ކުރިއަށް އޮތް ބޮޑު އީދު ޗުއްޓީ ތެރޭގައި ގައުމީ އެއާލައިން، މޯލްޑިވިއަން އިން ރާއްޖޭގެ ދެކުނުގެ އެއާޕޯޓުތަކަށް ކުރާ ދަތުރުތައްވެސް އިތުރުކޮށްފިއެވެ.
މޯލްޑިވިއަން އިން އަންނަނީ ކުރިއަށް އޮތް ބޮޑު އީދު ބަންދާ ދިމާކޮށް އެންމެ ގިނަ ބަޔަކު ދަތުރުކުރާ މަންޒިލުތައް ދެނެގަތުމަށް ފަހު އެ މަންޒިލްތަކަށް ފްލައިޓުތައް އިތުރުކުރަމުންނެވެ. އެގޮތުން މެދު ރާއްޖެތެރެ އާއި އުތުރުގެ ބައެއް އެއާޕޯޓުތަކަށް ބާއްވާ ފްލައިޓުތައް މިހާރުވެސް އިތުރުކޮށް ޓިކެޓު ބުކިން އަށް ވަނީ ހުޅުވާލައިފައެވެ.
މޯލްޑިވިއަން އިން މިއަދު ބުނީ އެ އެއާޕޯޓުތަކުގެ އިތުރުން ދެކުނުގެ އަތޮޅުތަކުގެ ބައެއް އެއާޕޯޓުތަކަށްވެސް އިތުރު ފްލައިޓުތައް ބާއްވަން މިހާރު ޝެޑިއުލް ކޮށްފައިވާ ކަމަށެވެ. އެގޮތުން މިހާރު ފުވައްމުލަކު، ފަރެސްމާތޮޑާ އަދި މާވާރުލަށް ބާއްވާ ފްލައިޓުތައް އިތުރުކޮށްފައިވާނެ ކަމަށް ބުންޏެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއެކު ރާއްޖޭގައި މިވަގުތު 18 އެއާޕޯޓު އޮތް އިރު، މޯލްޑިވިއަން އިން އަންނަނީ އަތޮޅުތެރޭގެ 16 އެއާޕޯޓަކަށް ދަތުރުކުރަމުންނެވެ. އެގޮތުން މިދިޔަ ހަފުތާގައި މޯލްޑިވިއަން އިން ވަނީ ދަރަވަންދުއަށްވެސް އަލުން ދަތުރުކުރަން ފަށައިފައެވެ.
ޗުއްޓީތަކާ ދިމާކޮށް ކަސްޓަމަރުންގެ ޑިމާންޑާ އެއްވަރަށް މޯލްޑިވިއަން އިން އަބަދުވެސް ފްލައިޓްތައް އިތުރު ކުރެއެވެ. އަދި އެކި މުނާސަބާތަކާ ގުޅިގެން އެކި ކަހަލަ ޕްރޮމޯޝަންތައްވެސް އަންނަނީ ހިންގަމުންނެވެ.