މިމަހުގެ 21 ވަނަ ދުވަހު އިންޑިއާގެ ބެންގަލޫރުގައި ފަށާ ސާފް ޗެމްޕިއަންޝިޕް ކަވަރު ކުރުމަށް "ވަން ސްޕޯޓްސް" ގެ ޓީމު މިއަދު ބެންގަލޫރަށް ފުރައިފިއެވެ.
ސާފް ޗެމްޕިއަންޝިޕް 2023ގެ އެންމެ ފަހުގެ ހަބަރާއި ރިޕޯޓުތައް ތާޒާކަމާއެކު ކިޔުންތެރީންނަށް ގެނެސްދިނުމަށް "ވަން"ގެ ސްޕޯޓްސް ޓީމު އިންޑިއާގެ ބެންގަލޫރަށް މިއަދު ފުރާފައިވާ އިރު، ޓީމުގައި ހިމެނެނީ ސްޕޯޓްސް އެޑިޓަރު އިމާދު ލަތީފާއި ކުޅިވަރު ނޫސްވެރިޔާ މުހައްމަދު ޝަމްއޫނެވެ.
ސާފް ޗެމްޕިއަންޝިޕްގެ ކަވަރޭޖުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ވަންގެ ސްޕޯޓްސް އެޑިޓަރު، އިމާދު ލަތީފްގެ ނޫސްވެރިކަމުގެ ހަޔާތް ފެށިގެންދިޔައީ 1993 އިން ހަވީރު ނޫހުންނެވެ. އެއަށްފަހު 2008 ގައި ވީމީޑިއާގެ އެޑިޓަރުގެ ގޮތުގައި މަސައްކަތްކުރެއްވި އިމާދަކީ ރާއްޖޭގެ ކުޅިވަރު ނޫސްވެރިކަމުގައި ފާހަގަކޮށްލެވޭ ނަމެކެވެ. ބޭރު ދުނިޔެއާއި ކުޅިވަރު ކަވަރުކުރުމުގައި ރާއްޖޭގެ ފުރަތަމަ ފުލްޓައިމް ނޫސްވެރިޔަކީ ވެސް އިމާދެވެ. ސާފް ޗެމްޕިއަންޝިޕާއި އޭސީސީ ކްރިކެޓް މުބާރާތްތަކާއި އޮލިމްޕިކްސް ފަދަ ގިނަ ކުޅިވަރު މުބާރާތްތަކެއް ކަވަރުކޮށްފައިވާ އިމާދަކީ ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ކުޅިވަރު އެނަލިސްޓުންގެ ތެރޭގައި ވެސް ފާހަގަކޮށްލެވޭ ނަމެކެވެ. އެގޮތުން ޔޫރޯ އާއި ވޯލްޑް ކަޕްގެ ހުރިހާ މުބާރާތްތަކުގައި ރާއްޖޭގެ އެނަލިސްޓުންގެ ޓީމުތަކުގެ ތެރޭގައި އިމާދު ފާހަގަކޮށްލެވެއެވެ.
ކުޅިވަރު ނޫސްވެރިޔާ މުހައްމަދު ޝަމްއޫނުގެ ކުޅިވަރު ނޫސްވެރިކަން 2014 ވަނަ އަހަރު ފެށިގެން ދިޔައީ ދުވަސް ނޫހުންނެވެ. އެއަށްފަހު ކުޅިވަރަށް ހާއްސަ ނޫހެއް ކަމަށްވާ އެމްވީ ފޯރީގެ ކޮޕީ އެޑިޓަރަކަށް މަސައްކަތްކޮށް، ސަން އޮންލައިނާއި ވަގުތު ނޫހުގައި ކުޅިވަރު ނޫސްވެރިޔަކަށް މަސައްކަތް ކޮށްފައިވެއެވެ. އަދި އޭގެ ފަހުން 2021 ވަނަ އަހަރުން ފެށިގެން "ވަން" ގެ ކުޅިވަރު ޑެސްކްގައި ޝަމްއޫން މަސައްކަތް ކުރަމުންދާ އިރު، ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ބޭއްވިގެންދިޔަ ބޮޑެތި އެކިއެކި މުބާރާތްތަކުގެ ކަވަރޭޖު އެންމެ ތާޒާކަމާއެކު އާންމުންނާ ހަމައަށް ވަނީ ގެނެސްދީފައެވެ.
"ވަން" އަކީ ޔޫރޯ 2020 އަދި ވޯލްޑް ކަޕް 2022 ގައި ވެސް އެންމެ ފުރިހަމަ ކަވަރޭޖެއް ގެނެސްދިން އޮންލައިން ނޫހެވެ. އެގޮތުން "ވަން" އިން ވާނީ ޔޫރޯ އާއި ވޯލްޑް ކަޕްގެ އެންމެ ފުރިހަމަ ގައިޑު އާންމުންނަށް ގެނެސްދީފައެވެ. އޭގެ އިތުރުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ވާދަވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފާއިތުވެދިޔަ ދެ އަހަރުގެ މީޑިއާ ޕާޓްނަރުގެ ގޮތުގައި ވެސް "ވަން"ގެ ސްޕޯޓްސް ޓީމުން ވަނީ ފުރިހަމަ ކަވަރޭޖެއް ގެނެސްދީފައެވެ.
މިފަހަރުގެ ސާފަށް ވަން އިން ވަނީ ކުޅިވަރަށް ހާއްސަ "ވަން ސްޕޯޓްސް" ޕޭޖު ލޯންޗްކޮށް، މުބާރާތަށް ހާއްސަ ޕޭޖެއް ހަދައިފައެވެ. އެ ޕޭޖު މެދުވެރިކޮށް، މިހާތަނަށްވެސް "ވަން ސްޕޯޓްސް"އިން އަންނަނީ ސާފްގެ ކަވަރޭޖް އަދާހަމަކޮށް ގެނެސްދެމުންނެވެ.
ސާފުގެ އެންމެ ފުރިހަމަ ކަވަރޭޖު ގެނެސްދިނުމަށް ވަންގެ ސްޕޯޓްސް ޓީމުން މަސައްކަތް ކުރާނެއެވެ. އިމާދާއި ޝައްމޫން، މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތުތައް ތާޒާ ކަމާއެކު ސީދާ ބެންގަލޫރުން ގެނެސްދޭ އިރު، ވަން ސްޕޯޓްސް ޓީމުގެ އެހެން މެންބަރުން މާލޭގައި ހުންނަ ވަންގެ ނިއުސްރޫމުން މި ކަވަރޭޖު ގެނެސްދެމުން ގެންދާނެ އެވެ.
ސާފް ޗެމްޕިއަންޝިޕްގެ އެންމެ ފުރިހަމަ ކަވަރޭޖު ވަން ސްޕޯޓްސް ގެނެސްދޭ އިރު، ސަޕޯޓަރުންގެ ތެރޭގައި އެމްޑަބްލިޔުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ ހިމެނެ އެވެ. ކިޓް ޕާޓްނަރަކީ "ޖާޒިއާ" އެވެ.