ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ފަސް އަހަރު ނިމޭއިރު މ. އަތޮޅުގައި އެއާޕޯޓެއް އަޅައި ނާލާފުއްޓާއި މުލި ކޯޒްވޭއަކުން ގުޅާލާނަން: ރައީސް

ޝަހީދާ އަބްދުﷲ ސައީދު

ވެރިކަމުގެ ފަސްއަހަރުގެ ދައުރު ނިމޭއިރު މ. އަތޮޅުގައި އެއާޕޯޓެއް އަޅައި އެއަތޮޅު ނާލާފުއްޓާއި މުލީ ކޯޒްވޭއަކުން ގުޅައިލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ މުލަކު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ އިބްރާހީމް ނަސީރުގެ ކެމްޕެއިން ޖަލްސާގައި މިއަދު މ. މުލަކުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ މ. އަތޮޅުގައި އެއާޕޯޓެއް އެޅުމަށް ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވައުދުވެފައިވާނެ ކަމަށެވެ.

އަދި އެކަން ހަނދުމަފުޅު އެބަހުންނެވިކަން ހާމަކުރައްވައި ރައީސް ވިދާޅުވީ މި ފަސްއަހަރު ނިމޭއިރު މ. އަތޮޅުގައި އެއާޕޯޓެއް އަޅައި ބޭނުންކުރަން ފެށޭވަރުވާނެ ކަމަށެވެ. ނަމަވެސް މ. އަތޮޅުގައި އެއާޕޯޓް އަޅާނެ ވަކި ރަށެއް ރައީސް ވިދާޅުވެފައެއް ނުވެއެވެ.

އަދި އެއާޕޯޓާއެކު ނާލާފުއްޓާއި މުލީ ކޯޒުވޭއަކުން ގުޅައިލާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ނާލާފުށީ ފުޓްބޯޅާދަނޑު ތަރައްގީކޮށް ނިމޭއިރު އެރަށުގައި އޮތް ފުޓްސަލް ދަނޑު ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ނިންމައި އެތަން ޒުވާނުންނަށް ބޭނުންކުރެވޭވަރު ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.