ކ. އަތޮޅުގެ ރަށްތަކާއި ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، އެސްޓީއޯ މިޔަޓް ފުޓްސަލް ފިއެސްޓާ 2023ގެ ގުރުއަތު ނެގުން ރޭ ބާއްވައިފިއެވެ.
ޝީ ބިލްޑިންގްގެ ތިންވަނަ ފަންގިފިލާގައި ރޭ މިޔަޓުން ބޭއްވި ހާއްސަ އިވެންޓްގައި އަންހެން އަދި ފިރިހެން ޑިވިޝަން ޓީމުތަކުގެ މެނޭޖަރުންނާއި އޮފިޝަލުންގެ އިތުރުން މިޔަޓްގެ އިސް ބޭފުޅުން ބައިވެރިވެފައިވެއެވެ. ރޭގެ ހަފުލާގައި މުބާރާތުގެ ބައެއް ގަވާއިދުތަކަށް ގެނެސްފައިވާ ބަދަލާއި، މުބާރާތަށް ހާއްސަ މުހިއްމު ބައެއް މައުލޫމާތު ޓީމުތަކާ ހިއްސާ ކޮށްފައިވެއެވެ.
މިޔަޓް ފުޓްސަލް ފިއެސްޓާގައި މިއަހަރު މުޅިން އަލަށް އަންހެން ޑިވިޝަނަށް ހާއްސަ ފެމިނާ ޑިވިޝަން ތައާރަފްކޮށްފައިވާ އިރު، މުބާރާތަށް ޖުމުލަކޮށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. ފިރިހެން ޑިވިޝަންގައި 15 ޓީމު އަދި އަންހެން ޑިވިޝަންގައި ހަތް ޓީމަކުން މިއަހަރު ވާދަކުރާނެއެވެ. ތުލުސްދޫގައި މިއަހަރުގެ މުބާރާތް އޮންނާނީ ޖުލައި މަހުގެ ދެއަކުން 13 އަށެވެ.
މުބާރާތުގެ އަންހެން ޑިވިޝަނުގެ ހަތް ޓީމު ދެ ގްރޫޕަކަށް ބަހާލާފައިވާ އިރު، ކޮންމެ ގްރޫޕަކުންވެސް ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ. އަންހެން ޑިވިޝަނުގެ ގްރޫޕް އޭގައި ހިމެނެނީ މަލްޓި އެކްސް ކަންމަތި ލިލީސް، ހިންމަފުށީ ވުމަންސް ފުޓްސަލް ޓީމްގެ އިތުރުން ދިއްފުށީ ވުމަންސް ފުޓްސަލް ޓީމް އަދި ހުރާ ސްޕޯޓްސް ވުމަންއެވެ.
ފެމިނާ ޑިވިޝަންގެ ގްރޫޕް ބީގައި ހިމެނޭ ތިން ޓީމަކީ ކަންމަތި ކުއީންސްއާއި ޓީމް ހިޔަލަ އަދި އެޕޮކްލިޕްސް ސެނޯރާއެވެ.
ފިރިހެން ޑިވިޝަންގެ ޓީމުތައް މިއަހަރު ހަތަރު ގްރޫޕަކަށް ބަހާލައިފައިވާ އިރު، ކޮންމެ ގްރޫޕަކުން ދެޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާނެއެވެ. ގްރޫޕް ސްޓޭޖު ނިންމާ، ކުއާޓާގެ މެޗުތައް އޮންނާނީ އަންނަ ޖުލައި މަހުގެ ނުވަވަ ދުވަހުއެވެ. ފިރިހެން ޑިވިޝަން އަދި އަންހެން ޑިވިޝަންގެ ސެމީ ފައިނަލް މެޗުތައް ޖުލައި 11 ވަނަ ދުވަހު އޮންނަ އިރު، ފައިނަލް އޮންނާނީ ޖުލައި 13 ވަނަ ދުވަހުއެވެ.
މަލްޓި ޔޫތް އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން އިންތިޒާމު ކޮށްގެން ބާއްވާ މިޔަޓް ފުޓްސަލް ޗެލެންޖަކީ ކޮންމެ އަހަރަކުވެސް ސްކޫލް ޗުއްޓީއާ ދިމާކޮށް ކ. އަތޮޅުގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު އިވެންޓެވެ. ތުލުސްދޫގައި މީގެ ކުރިން މިޔަޓުން ވަނީ ކާމިޔާބު ތިން މުބާރާތެއް ނިންމާލާފައެވެ.
މިޔަޓް ފުޓްސަލް ފިއެސްޓާ 2023ގެ މި އަހަރުގެ ޓައިޓަލް ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސާފައިވާ އިރު، މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ކަނޑއަޅައިފައެވެ. އަދި ރަނަރަޕް ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމު ހަމަޖައްސާފައިވާ އިރު، އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅައިފައެވެ.
މިއަހަރުވެސް މިޔަޓް ފުޓްސަލް ފިއެސްޓާގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް" އެވެ.