ޚަބަރު

ދުނިޔެއަށް އަންނަ އެންމެ މާތް ދުވަސްތަކަކީ ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސް: ހުތުބާ

ދުނިޔެއަށް އަންނަ އެންމެ މާތް ދުވަސްތަކަކީ ހައްޖު މަހުގެ ފުރަތަމަ 10 ދުވަސް ކަމަށާއި އެ ދުވަސްތަކުގައި ސޯލިހު އަމަލުކުރުން، ޖިހާދުކުރުމަށް ވުރެވެސް ހެޔޮކަން ބޮޑު ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

ހައްޖު މަހުގެ ފުރަތަމަ 10 ދުވަހާ ބެހޭ ގޮތުން މިއަދުގެ ހުތުބާގައި އަލިއަޅުވާލާފައިވާ އިރު، މި ދުވަސްތައް ދުނިޔެއަށް އަންނަ އެންމެ ހެޔޮ ދުވަސްތަކަށް ވުމުގެ ސަބަބުތައް ވަނީ ކިޔައިދީފައެވެ. އެގޮތުން ދުނިޔެ މަތީގައި ކުރެވޭ އެންމެ މަތިވެރި އަދި ހެޔޮ އަމަލުތައް ކަމުގައިވާ ނަމާދާއި ރޯދަ އާއި ސަދަގާތާއި ހައްޖުގެ މަތިވެރި އަޅުކަން މި ދުވަސްތަކުގައި ޖަމާވެގެންދާތީ ކަމަށް ހުތުބާގައި ބުންޏެވެ.

އަދި މި ދުވަސްވަރުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އެންމެ ފުރަތަމަ ކަމަކަށް ތެދުވެރި އިހުލާސްތެރި ތައުބާއަކުން މި ދުވަސްވަރު ފަށަން ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

އެގޮތުން މިދުވަސްވަރު ކުރެވެން އޮތް ހެޔޮ އަމަލުތަކުގެ ތެރޭގައި ރޯދަ ހިފުން ފާހަގަކޮށްފައިވެއެވެ. ހާއްސަކޮށް ހައްޖު މަހުގެ ނުވަވަނަ ދުވަހުގެ ރޯދައިގެ ސަވާބާއި ދަރުމަ މަތިވެރިވެގެންވާ އެ ދުވަހުގެ ރޯދައަކީ ވޭތުވެ ދިޔަ އަހަރާއި އަންނަން އޮތް އަހަރުގެ ފާފަތައް ފުއްސަވާނޭ ރޯދައެއް ކަމުގައި ރަސޫލާ ހަދީސް ކުރައްވާފައިވާ ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ މި ދުވަސްތަކުގައި ކުރެވޭނެ ހެޔޮ އަމަލުތަކުގެ ތެރޭގައި ތަކްބީރާއި ތަސްބީހަ ކިޔައި މާތްﷲ ގެ މަތިން ހަނދުމަކުރުން ހިމެނޭ ކަމަށާއި ކީރިތި ގުރުއާނުގައި މި ދުވަސްތައް ސިފަ ކުރައްވާފައިވަނީ ޒިކުރުކޮށް އުޅޭ ދުވަސްތަކެއްގެ ގޮތުގައި ކަމަށެވެ.

އަދި އެއީ ރަސޫލާގެ ސުންނަތުން ސާބިތުވާ މަތިވެރި އަޅުކަމެއް ކަމަށާއި އެގޮތުން ހައްޖު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އައްޔާމުއްތަޝްރީގުގެ ފަހު ދުވަހު އިރުއޮއްސުމާ ހަމައަށް މިސްކިތްތަކުގައްޔާއި ދިރިއުޅޭ ގެތަކުގައްޔާއި މަގުތަކުގައްޔާއި ބާޒާރު މަތީގައި އަޑުހަރުކޮށް ތަކުބީރު ކިޔާ އުޅުނު ކަމަށް ހުތުބާގައި ބުންނެވެ.

އޭގެއިތުރުން މި ދުވަސްތަކުގައި ގިނަގިނައިން ސަދަގާތް ކުރުމަކީ ވެސް މަތިވެރި އަޅުކަމެއް ކަމަށް ހުތުބާގައި ބުންޏެވެ. އަދި ހައްޖު މަހުގެ މަތިވެރި ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައި މި ދުވަސްތަކުގައި ނުބައިކަންކަމާ ދުރުހެލިވުމަށާއި ހެޔޮ ކަންކަމަކީ މީހާއަށް މާތްﷲ ގެ ރަހުމަތާއި ނިއުމަތްތައް ލިބުމުގެ ސަބަބެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.