ޝަހީދާ އަބްދުﷲ ސައީދު
ރިޔާސީ ކޮމިޝަންތަކަށް ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ލިބުނުނަމަ، މިއަދު ރާއްޖެ އޮންނާނީ އިންސާފު ގާއިމްކުރުމާ ހިސާބުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވީ ކުޑަހުވަދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ، ޝާތިރު އަބްދުއްރަހުމާނުގެ ކެމްޕެއިން ޖަލްސާގައި މިއަދު ކުޑަހުވަދޫގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ހަގީގަތް ހާމަކުރި ނޫސްވެރިން ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު ސަރުކާރުން ކުރާ ކަންކަމާ ދެކޮޅަށް ބަސްބުނި ހުރިހާ ލީޑަރުން ޖަލަށް ލާފައިވާކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި އިންތިހާއަށް މަރުތައް ގިނަވެފައިވާތީ ރިޔާސީ އިންތިހާބުގެ ތެރޭގައި ރައްޔިތުން ވަނީ އެކަންކަން ބަލައިދިނުމަށް އެދިފައި ކަމަށެވެ.
އެހެންކަމުން ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު ގޮތް ނޭނގޭ މަރުތަކާއި ވައްކަމާއި ކޮރަޕްޝަން ބެލުމަށް ކޮމިޝަން އުފެއްދެވި ކަމަށާއި ނަމަވެސް ރައްޔިތުންގެ މަޖިލީހުން އެއްބާރުލުން ލިބިގެން ނޫނީ ނުކުރެވޭނެ ވަރަށްގިނަ ކަންތައްތައް ހުރި ކަމަށެވެ.
އެގޮތުން ރިޔާސީ ކޮމިޝަނަށް ގާނޫނީ ބާރުތައް ހޯދުމަށް މަޖިލީހަށް ބިލު ހުށަހެޅުމުން އެކަމަށް މަޖިލީހުން އެއްބާރުލުން ދީފައި ނުވާ ކަމަށާއި އެދުވަހު މަޖިލީހުން އެއްބާރުލުން ދިންނަމަ މިއަދު ރާއްޖެ އޮންނާނީ އިންސާފު ގާއިމްކުރުމާއި ހިސާބުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަދިވެސް އެ ބިލުތައް އޮތީ މަޖިލީހުގެ ތަޅުމުގެ ތެރޭގައި ތާށިވެފައި ކަމަށާއި ރިޔާސީ ކޮމިޝަނަށް ބާރުތައް ދިނުމަށް ނުރުހޭ މެންބަރުން އެބަތިއްބެވި ކަމަށެވެ.
އަދި ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތައް ބަލަން ފެށުމުން އެކަމާ ޖެހިލުންވާ މެންބަރުން އެބަ ތިއްބެވި ކަމަށާއި އެކަންކުރިޔަ ނުދޭން ބޭނުންވާ މެންބަރުން އެބަތިއްބެވި ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަރާލެވިފައިވާ މީހުންނާއި ވައްކަމުގެ މައްސަލަތައް ބަލަން މަޖިލީހުން ބޭނުން ނުވި ކަމަށާއި އެހެންކަމުން ކުރިއަށް އޮތް 19 ވަނަ މަޖިލީހަކީ ވަރަށް މުހިންމު މަޖިލީހަކަށް ހަދަންޖެހޭ ކަމަށެވެ.