ޚަބަރު

އެމްޓީޑީ އިން މާފަންނު ހުޅަނގަށް ކުރިމަތިލާ ޝިނާންގެ ތާއީދު ޕީއެންސީގެ ގީލާ އަށް!

މަރިޔަމް ޝަހުދާ

ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި މާފަންނު ހުނޅަގު ދާއިރާއަށް އެމްޓީޑީގެ ޓިކެޓުގައި ވާދަކުރާ މުހައްމަދު ޝިނާން އެ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ގީލާ އަލީއަށް ތާއީދު ކުރަން ނިންމައިފިއެވެ.

ޝިނާން މިކަން ވަނީ މިއަދު އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ހިއްސާކޮށްފައެވެ. ޝިނާން ވިދާޅުވި ގޮތުގައި އޭނާ ގީލާއަށް ތާއީދު ކުރަން ނިންމި ނިންމުމަކީ ވަރަށް ގިނަ ސަބަބުތަކަކާއެކު ނިންމި ނިންމުމެކެވެ. އެގޮތުން ގީލާއަކީ މީހުންނާއި ގުޅޭ، ހިތްހެޔޮ އަދި ގާބިލް ބޭފުޅެއް ކަމަށް ޝިނާން ފާހަގަ ކުރެއްވި އެވެ. މީގެ އިތުރުން ގީލާއަށް ތާއީދު ކުރަން ނިންމާފައި ވަނީ މިކަމުގައި ކުރިއަށް ދިއުމުގެ އިތުރުން ގޮނޑި ކާމިޔާބު ކުރުމުގައި ހާލަތު ތަން ނުދިނުމުން ކަމަށް ޝިނާން ވިދާޅުވިއެވެ.

ޝިނާން ވިދާޅުވި ގޮތުގައި އޭނާގެ މި ނިންމުމަކީ ދާއިރާއިން އެންމެ ތާއީދު ބޮޑު ކެންޑިޑޭޓަކީ ގީލާ ކަމަށް އެނާއަށް ފާހަގަ ވެފައިވާތީ ނިންމި ނިންމުމެކެވެ. އަދި ޝިނާންގެ ފުރިހަމަ ތާއީދު ގީލާއަށް އޮތްކަމަށާއި ގީލާގެ ފަހަތުގައި މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިނާން ވަނީ އޭނާއަށް ތާއީދު ކުރައްވާ ހުރިހާ ރައްޔިތުން ގީލާއަށް ވޯޓު ދެއްވުމަށް އެދެވަޑައިގެންފައެވެ.

ނިމިދިޔަ ސަރުކާރުގެ ވެރިކަމުގައި ގީލާ ވަނީ ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގެ އިތުރުން ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމު އަދާކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ މިއަހަރު ތެރޭ ޕީއެންސީގެ ރެޖިސްޓްރާގެ މަގާމަށްވެސް އައްޔަން ކޮށްފައެވެ.

ގީލާ އާއި ޝީނާންގެ އިތުރުން އިތުރު 8 ކެނޑިޑޭޓަކު މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރެއެވެ. މީގެ ތެރޭގައި އެމްޑީޕީ، ޑީއާރުޕީ، އެމްޑީއޭ އަދި އަމިއްލަ ކެނޑިޑޭޓުން ހިމެނެއެވެ.