ނޭޝަނަލް ބިލްޑް އެކްސްޕޯ އާއި ނޭޝަނަލް ބިލްޑާސް އެވޯޑްސް އަދި މޯލްޑިވްސް ބިލްޑާސް މެގަޒިން އިންތިޒާމުކޮށް ބެލެހެއްޓުމަށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އިން މީޑިއަމް އިވެންޓްސްއާއެކު ސޮއިކޮށްފިއެވެ.
އެމްއެންއޭސީއައި އިން މިއަދު މައުލޫމާތުދިން ގޮތުގައި މި އިވެންޓުތަކާއި މަޖައްލާގެ ސަބަބުން ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ޕްރޮފެޝަނަލުންނަށް އެ މީހުންގެ އުފެއްދުންތަކާއި ހިދުމަތްތަކާއި ކާމިޔާބީތައް ދައްކާލުމަށް ޕްލެޓްފޯމެއް ލިބިގެންދާނެއެވެ.
ނޭޝަނަލް ބިލްޑް އެކްސްޕޯއަކީ ކޮންސްޓްރަކްޝަން ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ރޯ މެޓީރިއަލްސް، ހެވީ ވެހިކަލްސް، އަދި ކޮންސްޓްރަކްޝަންއާ ގުޅުން ހުރި އެހެން އުފެއްދުންތައް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ އެކްސްޕޯއެކެވެ. މިކަމުގެ ސަބަބުން ސިނާއަތުގެ ސްޓޭކްހޯލްޑަރުންގެ މެދުގައި ނެޓްވޯކިން، ބިޒްނަސް ޕާޓްނަޝިޕް، އަދި ނޮލެޖް ޝެއާ ކުރުމުގެ ފުރުސަތުތައް ލިބިގެންދާނެއެވެ.
ނޭޝަނަލް ބިލްޑާސް އެވޯޑްސްގައި ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ފަރުދުންނާއި ކުންފުނިތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތަކާއި ހިދުމަތްތައް ފާހަގަކޮށް ޝަރަފުވެރިކަން ދިނުމަށް ވަނީ ހަމަޖައްސައިފައެވެ.
މީގެ އިތުރުން މޯލްޑިވްސް ބިލްޑާސް މެގަޒިން އަކީ ކޮންސްޓްރަކްޝަން ދާއިރާގެ އެންމެ ފަހުގެ ޓްރެންޑްތަކާއި ޓެކްނޮލޮޖީތަކާއި މަޝްރޫއުތަކުގެ މައުލޫމާތު ފޯރުކޮށްދީ ސިނާއަތުގެ ޕްރޮފެޝަނަލުންނަށް އަގުހުރި ވަސީލަތެއްގެ ގޮތުގައި ބޭނުން ކުރެވޭނެ މެގަޒިނެކެވެ.