އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ކުޅުމުގެ ޕްރެޝަރު ކުޅުންތެރިންނަށް ދިމާވިތަން ފެނުނު ކަމަށާއި ދެން އަންނަ މެޗުތަކުގައި އެކަމަށް ހޭނި ނަތީޖާ ނެރެވޭނެކަމުގެ އުންމީދު ބޮޑު ކަމަށް ރާއްޖޭގެ ފިރިހެން ބާސްކެޓް ބޯޅަ ޓީމުގެ ކޯޗިން ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު ޒިލާލް (ޒިލާލް) ބުނެފިއެވެ.
އިއްޔެ ރާއްޖޭގައި ފެށި ފައިވް ނޭޝަންސް ކަޕްފައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ރޭ ބަންގްލަދޭޝް ކައިރިން ބަލިވީ 42-52 ގެ ނަތީޖާއަކުންނެވެ. ރާއްޖޭގެ ޓީމުން މިފަހަރުގެ މުބާރާތަށް އިންޑިއާގައި ހާއްސަ ކޭމްޕެއް ކޮށްފައިވާ އިރު، މިއީ ދިވެހި ބާސްކެޓް ޓީމުން 2017 ވަނަ އަހަރަށްފަހު އަމިއްލަ ފަސްގަނޑުގައި ކުޅޭ ފުރަތަމަ މުބާރާތެވެ. ހެޑް ކޯޗެއްގެ ގޮތުގައި ސާބިއާގެ ނިމާންޏާ ޖެޑޯވް ޓީމާއެކު މަސައްކަތް ކުރަމުންދާ އިރު، ދިވެހި ކޯޗުންގެ ގޮތުގައި ގައުމީ ޓީމުގައި މަސައްކަތް ކުރަމުން އަންނަނީ ޒިލާ އާއި އަލީ ފަޒްލީ (އޮލިމްޕިކް) އެވެ.
"ގޭމްޕްލޭން ދިޔައީ އޮން އޮފް ކޮށް. ބޭރުން އަޅުގަނޑުމެން 34 ވަރަކަށް ޝޮޓް ޖަހައިގެން، 3 ޕޮއިންޓްގެ ހަތަރު އެތި ވެއްޓިގެން މިދިޔައީ. މިއީ އަޅުގަނޑުމެންގެ ރެއެއް ކަމަކަށް ނުބެލެވުނު. ޗާންސްތައް ކްރިއޭޓް ކުރުމުގައިވެސް ކުޅުންތެރިން ކޮންފިޑެންސް ދަށްކޮށް ފެނުނީ. ވަރަށް ބައިވަރު ކުޅުންތެރިންގެ ފުރަތަމަ މެޗަށް ވީމަ، ކަންތައްތަކެއް ފާހަގަކުރެވޭ. ދެން މިބަލަނީ ކުރިއަށް ހުރި މެޗުތަކުގައި ނަތީޖާ ރަނގަޅުކުރެވޭނެ ކަމަށް،" ޒިލާ ރޭގެ މެޗަށްފަހު ބުންޏެވެ.
ޒިލާ ބުނީ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެން ޖެހުމުން އެކަމުގެ ޕްރެޝަރެއް އޮތްކަން ފާހަގަކުރެވޭ ކަމަށާއި އެކަމަށް ހޭނި ކުރިއަށް އޮތް މެޗުތަކުގައި ނަތީޖާ ނެރެވޭނެ ކަމުގެ އިތުބާރު ޓީމަށް އެބައޮތް ކަމަށެވެ.
"ޕްރެޝަރެއް އޮތް ކަމަށް ފާހަގަކުރެވޭ. މި ބަލަނީ އޭތި އޯވަކަމް ކުރާނެ ކަމަށް. ސަޕޯޓަރުންނަކީ އަހަރެމެންގެ ސްޓްރެންތެއް ކަމަށް، އިރާދަކުރެއްވިއްޔާ ދެން އަންނަ މެޗު ތަކުގައި އަނބުރާލާނަން. އެ މެންޓަލިޓީގައި އަޅުގަނޑުމެން ދެން އަންނަ މެޗުތަކަށް ކުރިމަތިލާނީ، ދެން އެއާ އެކުގައި ރަނގަޅު ނަތީޖާތަކެއް އަހަރުން ކޮޅަށް ފޭވާގައި އަނބުރާލެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު،" ޒިލާ ފާހަގަކުރިއެވެ.
ޒިލާ ބުނީ އެހެން ޓީމުތަކުގެ ކުޅުން މިހާރު ފެނިފައިވުމަކީ ދެން އަންނަ މެޗުތަކަށް "ގޭމްޕްލޭން އެޖަސްޓްކުރަން" ލިބޭނެ ފުރުސަތެއް ކަމަށާއި އަދިވެސް ޓީމާމެދު އުންމީދު ބޮޑު ކަމަށެވެ.
މުބާރާތުގައި ރާއްޖެއިން ކުޅޭ ދެވަނަ މެޗުގައި މިރޭ 8:30 ގައި ބޫޓާނާ ދެކޮޅަށް ނުކުންނާނެއެވެ.