ފައިވް ނޭޝަންސް ބާސްކެޓްބޯޅަ މުބާރާތް

ފައިވް ނޭޝަންސް ޗެމްޕިއަންޝިޕް: ވާދަވެރި މެޗުގައި ބަންގްލަދޭޝް ކައިރިން ރާއްޖެ ބަލިވެއްޖެ

މުޙައްމަދު ޝަމްޢޫން

ރާއްޖޭގައި މިއަދު ފެށި ފައިވް ނޭޝަންސް ބާސްކެޓްބޯލް ޗެމްޕިއަންޝިޕްގެ ދެވަނަ މެޗުގައި ރާއްޖެ ކައިރިން ބަންގްލަދޭޝް މޮޅުވެއްޖެއެވެ.

ރާއްޖޭގައި މިއަހަރު ބާއްވާ ބައިނަލްއަގުވާމީ ފަސްވަނަ މުބާރާތް، ފައިވް ނޭޝަންސް ބާސްކެޓް ބޯޅަ ޗެމްޕިއަންޝިޕް މިއަދު ހަވީރު ފަށާފައިވާ އިރު، ހަވީރު ކުޅުނު މެޗުގައި ބޫޓާނުން އޮތީ ނޭޕާލް ބަލިކޮށްފައެވެ. މުބާރާތުގައި ނޭޕާލާއި ބޫޓާންގެ އިތުރުން ދެން ވާދަކުރަނީ ރާއްޖެ އާއި ބަންގްލަދޭޝް އަދި ޕާކިސްތާނެވެ.

މިރޭ ރާއްޖޭގެ ފުރަތަމަ މެޗު، ވަރުގަދަ ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެފައިވާ އިރު، މެޗުން ރާއްޖެ ބަލިވީ 52-42 ޕޮއިންޓުންނެވެ.

މިރޭގެ މެޗު ބައްލަވައިލެއްވުމަށް ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމާއި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ އިތުރުން ކުޅިވަރުގެ ގިނަ ފަރާތްތަކެއް ވަޑައިގެންފައިވާ އިރު، ބާސްކެޓް އާއިލާއިން ޖާޒީގައި ދިޔައީ ޓީމަށް ހިތްވަރު ދެމުންނެވެ.

ކުޅިވަރު އެކުވެނީގެ އެތެރޭ ކޯޓުގައި މިރޭ ކުޅުނު މެޗު ފެށިގެން ދާދި ހަމަހަމަކޮށް ދެޓީމުގެ ކުޅުންވެސް ފެނިގެން ގޮސްފައިވާ އިރު، ރާއްޖޭގެ އަބްދުﷲ އަމްޒަރު މުހައްމަދު ވެއްޓި މުހިއްމު ޕޮއިންޓަކާ އެކު ރާއްޖެއިން ވަނީ 8-6 އިން ފުރަތަމަ ކުއާޓާގައި ލީޑު ކޮށްފައެވެ. ރާއްޖެއިން ލީޑު ނެގި ނަމަވެސް ބަންގްލަދޭޝްގެ ވަރުގަދަ އެޓޭކިން ކުޅުން ހުއްޓުވުންވީ އުނދަގޫ ކަމަކަށެވެ.

އެމްޑީ އާރިފް ހުސައިން ބައްޕީ އާއި އެމްޑީ ސޮލައިމާން ތަނޫގެ ތަފާތު އެޓޭކިންތަކެއް ފެނިގެން ގޮސްފައިވާ އިރު، ފުރަތަމަ ކުއާޓާގައި ދެޓީމުވެސް ޑިފެންސިވްލީ ރަނގަޅު މަސައްކަތްތަކެއް ކުރިއެވެ. ހާއްސަކޮށް އިންޓަސެޕްޝަންތައް ގިނަކޮށް ދެޓީމުންވެސް ފެނިފައިވާ އިރު، ކުއާޓާ ނިމުނީ 13-12 އިން ބަންގްލަދޭޝް ލީޑުގައި އޮއްވައެވެ.

ދެވަނަ ކުއާޓާއަކީ ރާއްޖެއަށް މެޗުގައި އެންމެ ދަށްކޮށް ފެށި ކުއާޓާއެވެ. އެޓޭކް ކުރުމުގައި އުނދަގޫތަކެއް ކުރިމަތިވެފައިވާ އިރު، ބަންގްލަދޭޝްގެ އެމްޑީ މައްސޫދު ރަނާ އާއި މިތުން ކުމާރް ރަނގަޅު ސްޓީލްތަކެއް ދެވަނަ ކުއާޓާގައި ކޮށްފައިވެއެވެ. ދެވަނަ ކުއާޓާގެ ތެރެއިން 23-14 ގައި މެޗު ލީޑު ކުރަމުންވެސް ގޮސްފައިވާ އިރު، ކުއާޓާގެ ފަހުކޮޅުގައި ރާއްޖޭގެ ކެޕްޓަން އަހުމަދު ޒަބީރުގެ ރަނގަޅު މަސައްކަތްތަކަކާ އެކު ރާއްޖެއިން ވަނީ ބަންގްލަދޭޝްގެ ލީޑު 23-17 އަށް ކުޑަކޮށްފައެވެ.

އަދި އޭގެ ފަހުން އިބްރާހީމް ނަސީމްގެ ރަނގަޅު ދެ ފްރީ ތުރޫގެ އިތުރުން އަމްޒަރުގެ ރަނގަޅު ދެ ޕޮއިންޓަކާ އެކު ރާއްޖެއިން ކުއާޓާ ނިންމާލީ ބަންގްލަދޭޝްގެ ލީޑު 23-20 އަކަށް ކުޑަކޮށްގެންނެވެ. ދެވަނަ ކުއާޓާގައި އިސްމާއީލް ވިލްދާން ޔޫސުފްގެ ޑިފެންސް ރަނގަޅުކޮށް ފެނިގެން ގޮސްފައިވާ އިރު، ފަހަތުން ރަނގަޅު ބޯޅަތަކެއް އިންޓަސެޕްޓްކޮށް، އޭނާ އެޓޭކަށް މަސައްކަތް ކުރިތަން ފެނިގެން ދިޔައެވެ. ދެވަނަ ކުއާޓާގެ ފަހުވަގުތު ރާއްޖެއަށް އެއްވަރު ކުރަން ފުރުސަތު ލިބުނު ނަމަވެސް ނިމުނީ 21-23 އިން ބަންގްލަދޭޝް ކުރީގައި އޮވެގެންނެވެ.

ތިންވަނަ ކުއާޓާގެވެސް ފެށުން އުނދަގޫ ނަމަވެސް ރާއްޖެއިން ވަރުގަދައަށް ހިތްވަރު ކުރިއެވެ. އަހުމަދު ރާއިދު މުހިއްމު ވަގުތެއްގައި ތިން ޕޮއިންޓެއް ސްކޯކޮށްފައިވާ އިރު، ޓީމުން 31-29 އަށް ސްކޯ ކުޑަކުރުމުގައި މުހައްމަދު ހުވައިލިދު އަލީ (ހުވޭ)ގެ ކުޅުންވެސް ފާހަގަކުރެވުނެވެ.

މެޗުގެ އެންމެ ފަހު ކުއާޓާގައިވެސް ރާއްޖެއިން ބަންގްލަދޭޝްއާ ވާދަކޮށްފައިވާ އިރު، ލީޑު ނެގުންވީ އުނދަގޫ ކަމަކަށެވެ. ހަތަރުވަނަ ކުއާޓާ ފެށިއިރު، 43-34 ބަންގްލަދޭޝް ލީޑުގައި އޮތް ނަމަވެސް، ރާއްޖެއިން ވަނީ 42-49 އަކަށްވެސް ސްކޯގެ ފަރަގު ކުޑަކޮށްފައެވެ. ވިލްދާންގެ މުހިއްމު ތްރީ ޕޮއިންޓަކާ އެކު ފަހު ވަގުތު ސަޕޯޓަރުން ކައްކުވާލި ނަމަވެސް ރާއްޖެއަށް ނިންމާލަން ޖެހުނީ ބައްޔަކާ އެކު 42-52 ގެ ނަތީޖާއަކުންނެވެ.

މާދަމާވެސް މުބާރާތުގެ ދެ މެޗު އޮންނާނެއެވެ. ޕާކިސްތާނުން އެޓީމުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު 4:00 ޖަހާއިރު ނޭޕާލާ ދެކޮޅަށް ނުކުންނަ އިރު، މާދަމާ ރޭ ރާއްޖެ ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. ރާއްޖެ މެޗު އޮންނާނީ 8:30 ގައެވެ.