ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކ. ކާށިދޫގައި ފެށި "ކާށިދޫ ޓޫރިސްޓް ވިލެޖް" މަޝްރޫއަކީ އެއްވެސް ފީޒިބިލިޓީއެއް، ބެލުމެއް ނެތި ކުއްލިއަކަށް ފަށާފައިވާ މަޝްރޫއެއް ކަމަށް މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)އިން ބުނެފިއެވެ.
އެމްއައިޓީޑީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވީ އެމްއައިޓީޑީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ކާށިދޫ މަޝްރޫއަކީ އިންތިހާބާ ގާތްކޮށް ސަރުކާރުން ލޯނެއް ނަގައިގެން ފެށި މަޝްރޫއެއް ކަމަށެވެ.
"ފިނޭންސް މިނިސްޓްރީން އެއް މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން މި ޕްރޮޖެކްޓް ފައިނޭންސްކޮށްފައިވަނީ،" އޭނާ ވިދާޅުވިއެވެ.
އެ މަޝްރޫއަށް ފިނޭންސް މިނިސްޓްރީން ނެގި އެއް މިލިއަން ޑޮލަރު އެއްކޮށް ހުސްވެފައިވާއިރު އެ މަޝްރޫގެ ދަށުން ކުރިއަށް ގޮސްފައިވަނީ ހަމައެކަނި ތިން ބުރީގެ ދަގަނޑު ސްޓްރަކްޗަރަކާއި ކުޑަކުޑަ ދެ އިމާރާތްކަމަށް އޭނާވިދާޅުވިއެވެ. އެ ދެ އިމާރާތުގެ މަސައްކަތްވެސް ނިމިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުރީގެ ސަރުކާރުން އެމްއައިޓީޑީސީގެ ބޮލުގައި އަޅުވާފައިވާ ދަރަނިތައް ހިފައިގެން އެ މަސައްކަތް ވަނީ ނިންމަން ޖެހިފައި ކަމަށެވެ.
"އަޅުގަނޑުމެން މި މަސައްކަތުގެ އަގުކުރާނީ އެއް މިލިއަން ޑޮލަރަށް. ހަމަ ގައިމުވެސް އެ އެއްމިލިއަން ޑޮލަރެއް މި މަޝްރޫއަކު ނެތް،" އޭނާ ވިދާޅުވިއެވެ.