މާލޭ އަދި ވިލިމާލޭގައި ގާއިމުކުރަމުން އަންނަ ޒަމާނީ އާ ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ އޮޕަރޭޝަންގައި ބޭނުންކުރުމަށް ހަަމަޖައްސާފައިވާ އިކުއިޕްމަންޓް ރާއްޖެ ގެނެސްފިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ބުނީ، އެތަކެތި މިދިޔަ ހޮނިހިރު ދުވަހު ތިލަފުއްޓަށް ގެންގޮސްފައިވާ ކަމަށެވެ.
ކުނި މެނޭޖުކުރުމުގެ އެކި މަސައްކަތަށް ހާއްސަކޮށްގެން ރާއްޖެ އެތެރެކޮށްފައިވާ މި އިކުއިޕްމަންޓާއި ވެހިކަލްތަކަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ދިވެހި ސަރުކާރުން ހަރަދުކޮށްގެން ޒޯން ތިނެއްގެ ސަރަހައްދުގެ ކުނި މެނޭޖުކުރުމުގެ މަސައްކަތް ހަރުދަނާކުރުމުގެ ގޮތުން ހިންގަމުންދާ
ގްރޭޓާ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓުގެ ދަށުން، ޖުމުލަ 47.8 މިލިއަން ރުފިޔާ (3.2 މިލިއަން އެމެރިކާ ޑޮލަރު) ހަރަދުކޮށްގެން ގެނެސްފައިވާ ތަކެއްޗެވެ.
ޗައިނާ އާއި ޖަރުމަނުގެ ސަޕްލަޔަރުން މެދުވެރިކޮށް ހޯދާފައިވާ މި ތަކެތި އިންސްޓޯލް ކުރުމާއި، ކޮމިޝަން ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މާލެ އަދި ވިލިމާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ މަސައްކަތްކުރުމަށް ކޮންޓްރެކްޓް ކުރެވިފައިވާ ޗައިނާ ސްޓޭޓް ކޮންސްޓަރަކްޝަން އެންޑް އިންޖިނިއަރިން (ސީއެސްސީއީސީ) އާއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ކުރިއާ ހިލާފަށް އާ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތައް ފަރުމާކުރެވިފައިވަނީ ކޮމްޕެކްޓް ނުވަތަ ފިއްތާލެވިފައިވާ ކުނި، ތިލަފުއްޓަށް ކޮންޓޭނަރުގައި އުފުލާ ގޮތަށް ކަމަށެވެ. މިގޮތުން މާލެ އަދި ވިލިމާލޭގައި ގާއިމުކުރަމުންދާ ޓްރާންސްފާ ސްޓޭޝަންގައި ބޭނުންކުރުމަށްޓަކައި މުޅިން އާ ކޮންޓޭނަރުތަކާއި އެ ކޮންޓޭނަރު އުފުލުމަށް ބޭނުންވާ 'އާމް ރޯލް ޓްރަކް' ވެހިކަލްތަކާއި ކޮންޓޭނަރުގައި ހުންނަ ކުނީގެ ވޮލިއުމް ދަށްކުރުމަށް ހާއްސަ 'ރޯލް ޕެކާ'ތައް ވެސް އެތެރެކޮށްފައިވާ ކަމަށް ބުންޏެވެ.
މާލޭ އަދި ވިލިމާލޭގެ އާ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތައް ހުންނާނީ ވެމްކޯގެ އޮޕަރޭޝަން މިވަގުތު ކުރިއަށްދާ ސައިޓުތަކުގައެވެ. މި ޓްރާންސްފާ ސްޓޭޝަންތަކަކީ ކުދި އަދި މެދު ސައިޒްގެ ޕިކަޕްގެ އިތުރުން، ޑަމްޕް ޓްރަކް އަދި ބޮޑެތި، ބަރު ކުނި އުފުލާ ޑަމްޕް ޓްރަކްތަކާއެކު، ތަފާތު އެކި ސައިޒުގެ ކުނި އުފުލާ ވެހިކަލްތަކަށް ދަތިކަމެއް ނެތި ހިދުމަތްދެވޭ ގޮތަށް ފަރުމާކުރެވިފައިވާ ޖާގަ ތަނަވަސް މަރުކަޒުތަކެކެވެ.
އާ ވޭސްޓް ޓްރާންސްފާ ސްޓޭޝަން އެޅުމަށް ޗައިނާގެ ސީއެސްސީއީސީއާ ހަވާލުކޮށްފައިވަނީ 184 މިލިއަން ދިވެހި ރުފިޔާއަށެވެ.