ޚަބަރު

ލިބުނު ފޯނުކޯލަށް "އާދެ، މި ނިންމާލަނީ" ކަމަށް ވިދާޅުވެ އަފީފު ޖަލްސާ ނިންމަވާލައްވައިފި

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުނީއްސުރެންވެސް އޮތީ ނިޒާމު ގެއްލޭ ހާލަތުގައެވެ. ޖަލްސާގައި ނުރުހުން ފާޅު ކުރަމުން ދިޔައީ މަޖިލިސް ރައީސަށް ތާއީދު ކުރާ ފިކުރުގެ ދިރުމުގެ މެންބަރުންނާއި އިދިކޮޅު މެންބަރުން ގުޅިގެންނެވެ.

އިދިކޮޅު މެންބަރުން ހަޅޭލަވަމުން ގެންދިޔައީ ކޮރަޕްޝަނާއި މަނީލޯންޑާގެ ކުށް ސާބިތުވެގެން 11 އަހަރު ދުވަހަަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުލްގައްޔޫމު ދޫކޮށްލުމަށާއި ކޯޓުތަކުން ކުރާ ހުކުމްތަކާ ގުޅިގެން އެކަމަށް ނުރުހުން ފާޅުކޮށެވެ.

ފިކުރުގެ ދިރުމުގެ މެންބަރުން ހަޅޭއްލަވައި އަޑުގަދަކުރަމުން ދިޔައީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ގެނައި ބަދަލު ފާސް ކުރަން އެޖެންޑާކޮށްފައި އޮތުމުންނެވެ.

އެ މެންބަރުން ތަކުރާރުކޮށް ފާހަގަ ކުރައްވަމުން ގެންދެވީ، މަޖިލިސް ގަވާއިދުގެ 54 ވަނަ މާއްދާގެ (ށ) އެވެ.

އެ މާއްދާގައި ބުނަނީ ޖަލްސާގެ އެޖެންޑާގައި ހިމަނާނީ އެ ޖަލްސާއެއްގައި ނިންމުމަށް އެދި ނުވަތަ ކުރުމަށް އެދި ހުށަހަޅާން ކަންކަމެވެ. އަދި އެކަންކަން ސާފުކޮށް އެނގޭނެ މިންވަރަށް އަދި އެކަންކަން ނިންމުމަށް ނުވަތަ ކުރުމަށް އެދޭ ތަރުތީބުވެސް އެޖެންޑާގައި އެނގެން އޮންނަންވާނެ ކަމަށެވެ.

އެ މެންބަރުން ވިދާޅުވީ، ރިޕޯޓެއްގެ ގޮތުގައި ކޮމިޓީތަކަށް ގެނައި ބަދަލުތައް އެ މެންބަރުންގެ ޕޯޓަލްއަށް ލާފައިވި ނަމަވެސް މަޖިލިސް ގަވާއިދުގައި ބުނާ މިންވަރަށް އެ މެންބަރުންނަށް އެކަންކަން ސާފު ނުވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ އެޖެންޑާއިން ނުނަގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ، އިދިކޮޅު މެންބަރުންނާއި ފިކުރުގެ ދިރުމުގެ މެންބަރުން ބައިވެރިވެވަޑައިގެން ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސް އަޅުއްވަމުން ގެންދެވިއެވެ.

އެ މެންބަރުން އެ މަސައްކަތް ކުރިއަށް ގެންދެވީ އެމްޑީޕީގެ މެންބަރުންގެ މޭޒުކޮޅުތައް ކައިރިއަށް ވަޑައިގެން އަޑުދަގަކުރައްވައި ޒުވާބު ކުރައްވައި ހަޅޭއްލައްވަމުންނެވެ. އަދި ނިޒާމީ ނުކުތާނަންގަވަން ފައްޓަވާއިރަށް މައިކުވެސް އަތުލައްވައެވެ.

އެގޮތުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ނިޒާމީ ނުކުތާނެންގެވުމުން، ފަރެސް މާތޮޑާ ދާއިރާގެ މެންބަރު މެންބަރު ހުސެއިން މުހައްމަދު ލަތީފް ޝަރީފްގެ މޭޒުކައިރިއަށް ވަޑައިގެން އަޑުގަދަ ކުރައްވައި ހަޅޭއްލައްވައި އޭނާގެ މައިކު ތިރި ކުރެއްވިއެވެ. އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލަ ހުށަހަޅުއްވަން ފެއްޓެވުމުން، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، ޝަރީފްގެ މައިކު އަތުލައްވައި ވާހަކަ ދައްކަވަން ފެއްޓެވިއެވެ. އޭގެ އިތުރުން އޭނާގެ މައިކުވެސް މެންބަރު ހުސެއިން މުހައްމަދު ލަތީފް ތިރި ކުރެއްވިއެވެ.

މަޖިލީހުގައި އެ މެންބަރުން އަޑުގަދަ ކުރައްވަމުން ގެންދެވި އިރު، ދެބައި މީހުންގެ މެދުގައި އަޑުގަދަވެ، ގަޔަށް ބޮލަށް ނޭރުމަށް ގޮވައި އަވަގުރާނަވެސް ގޮވިއެވެ. އަދި ވަގަށާއި ޗޯރަށް ގޮވައި އެކި އަޑުއަޑުން އަޑުލައްވައި ހަޅޭއްލަވަމުން ގެންދިޔައެވެ.

މިއިން އެއްވެސް ކަަމަށް މަޖިލީހުގެ ރިޔާސަތުގައި އިންނެވި، ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު އެއްވެސް ފިޔަވަޅެއްވެސް ނާޅުއްވައެވެ.

އެންމެފަހުން ޖަލްސާ ކުރިއަށް ނުގެންދެވިގެން، ކުޑަހުވަދޫ ދާއިރާގެ މެންބަރު ނިޒާމީ މައްސަލަ ނަންގަވައި، ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާކޮށްގެން ޖަލްސާ ކުރިއަށް ގެންދެވޭނެ ގޮތެއް ހެދުމަށް ދެންނެވުމުން އެ ނިޒާމީ މައްސަލަ ބަލައިގަނެ، ދެފަހަރެއްގެ މަތިން ޖަލްސާ މެދު ކަނޑައިލެއްވިއެވެ.

ނަމަވެސް އެންމެ ފަހު ފަހަރު ޖަލްސާ ފަށެމުން، އިހުތިޖާޖު ކުރަމުން ރިޔާސަތުގެ ކުރިމައްޗަށް ވަޑައިގެންނެވި، މެންބަރުންނަށް ގޮނޑިކޮޅުތަކުގައި އިށީންދެވުމަށް އަންގައި، ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް އަންގަވައި، މަޖިލީހުގެ ނިޒާމު ގާއިމް ކުރެއްވުމަށް އަފީފު މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް ކުއްލި ފޯން ކޯލެއް އައެވެ.

އެ ފޯނު ކޯލަށް އަފީފު "އާދެ ނިންމާލަނީމި، ނިންމާލަން މިއުޅެނީ،" ކަމަށް ވިދާޅުވުމަށްފަހު، މަޖިލީހުގެ ނިޒާމު ގެއްލިފައިވާތީ ޖަލްސާ ކުރިއަށް ގެންދެވެން ނެތް ކަމަށް ވިދާޅުވެ 11:23 ގައި މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވައިލެއްވިއެވެ.