ޚަބަރު

އީޔޫއަށް އެކްސްޕޯޓްކުރާ މަހުން ޓެކްސް ކަނޑާލުމާ ގާތަށް!

މުހައްމަދު ޖަމްޝަތް ވަހީދު

ދިވެހިރާއްޖެއިން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ނަގަމުންދާ ޓެކްސް ކަނޑާލުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގައި ބޮޑު ކުރިއެރުމެއް ލިބިއްޖެ އެވެ.

ސަރުކާރުން މިކަން އާންމުކުރެއްވީ ރާއްޖެއާއި އީޔޫއާ ދެމެދު އިއްޔެ ކުރިއަށްދިޔަ ރަސްމީ މަޝްވަރާތަކުގެ ހަތަރުވަނަ ސެޝަނަށްފަހު އިއްޔެ ނެރުނު ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓެއްގައެވެ. ރާއްޖެއާ އީޔޫގެ އިސް އޮފިޝަލުންގެ ދެ ވަފުދުގެ ދެމެދު ބާއްވާ އެ މަޝްވަރާތަކަކީ ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ބައްދަލުވުމެކެވެ. މި އަހަރުގެ ސީނިއާ އޮފިޝަލުންގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ ފޯ އޭޝިއާ އެންޑް ޕެސިފިކް، ޕައޯލާ ޕަމްޕަލޯނީ އާއި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ. މި އަހަރުގެ ބައްދަލުވުން ބެލްޖިއަމްގެ ވެރިރަށް ބްރުސެލްސްގައި ކުރިއަށް ގެންގޮސްފައިވާ އިރު މިދިޔަ އަހަރުގެ މި ބައްދަލުވުން ކުރިއަށް ގެންދިޔައީ މާލޭގަ އެވެ.

އެ ސްޓޭޓްމަންޓުގައި ބުނެފައިވާ ގޮތުން އިއްޔެގެ މަޝްވަރާ ބައްދަލުވުމުގައި އީޔޫއިން ވަނީ ރާއްޖެއިން މިދިޔަ އަހަރު އޮގަނައިޒޭޝަން އޮފް އެފްރިކަން، ކެރިބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)އާ ގުޅުމުން އެކަމަށް މަރުހަބާ ކިޔައި އީޔޫ އާއި އޯއޭސީޕީއެސްއާ ދެމެދު ދާދިފަހުން ސޮއިކުރި އާ އެއްބަސްވުމުގައިވެސް ރާއްޖެއިން ބައިވެރިވެފައިވާތީ އެކަމަށް ވެސް މަރުހަބާ ކިޔާފައެވެ.

ރާއްޖެއިން މިއެއްބަސްވުމުގައި ބައިވެރިވުމުގެ ސަބަބުން އޯއޭސީޕީއެސްގެ އީސްޓާން އެންޑް ސަދާން އެފްރިކަން ގްރޫޕާއެކު އީޔޫ އިން ހަދާފައިވާ އިންޓަރިމް އިކޮނޮމިކް ޕާޓްނާޝިޕް އެގްރީމަންޓުގައި ރާއްޖެއިން ބައިވެރިވުމަށް މަގުފަހިވެގެންދާނެކަން ވެސް މި ބައްދަލުވުމުގައި ރާއްޖެއާއި އީޔޫއިން ވަނީ ފާހަގަކޮށްފައެވެ. މި އިންޓަރިމް އިކޮނޮމިކް ޕާޓްނާޝިޕް އެގްރީމަންޓުގެ ބޭނުމަކީ އީޔޫ އާއި އެހެން ގައުމުތަކާ ދެމެދު މިނިވަން ވިޔަފާރީގެ ސަރަހައްދެއް (އެފްޓީއޭ) އުފެއްދުމެވެ.

ޖޮއިންޓް ސްޓޭޓްމަންޓުގައި ފާހަގަކޮށްފައިވާ ގޮތުން މި އިންޓަރިމް އިކޮނޮމިކް ޕާޓްނާޝިޕް އެގްރިމަންޓުގައި ރާއްޖެއިން ބައިވެރިވުމާއެކު، ރާއްޖޭގެ މަހުގެ އުފެއްދުންތައް އިތުރު ޓެކުހެއް ނެގުމަކާ ނުލައި އީޔޫގެ ބާޒާރަށް އެތެރެކުރެވޭނެ އެވެ. ރާއްޖެއިން މިއެގްރީމަންޓުގައި ބައިވެރިވުމާ ގުޅޭގޮތުން ބިނާކުރުވަނިވި މަސައްކަތްތަކެއް ކުރިއަށް އޮތް މަސްތަކުގައި ކުރެވިގެންދާނެ ކަމަށް ވެސް ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓުގައި ފާހަގަކޮށްފައިވެއެވެ.

އީޔޫއަށް އެތެރެކުރާ ދިވެހި މަހުގެ އުފެއްދުންތަކުން މިހާރު އަންނަނީ 24 ޕަސެންޓުގެ ޓެކުހެއް ނަގަމުންނެވެ. މިކަމުގެ ސަބަބުން ބައިނަލްއަގުވާމީ ބާޒާރުގައި ރާއްޖެއަށް ވާދަވެރިކަމާއެކު ބައިވެރިވުމުގެ ފުރުސަތު ކުޑަވެއެވެ.

މީގެ އިތުރުން ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު މިިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވައިލުމުގެ މަސައްކަތް ފަށާފައިވާކަން އިނގިރޭސިވިލާތުން ވަނީ މިދިޔަ ހަފުތާގައި އިއުލާނުކޮށްފަ އެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވި ގޮތުގައި މިއީ ދިވެހި މަހުގެ އުފެއްދުންތައް އިނގިރޭސިވިލާތަށް ޑިއުޓީއަކާ ނުލައި އެކްސްޕޯޓްކުރެވޭނެ މަގުފަހިކުރުމަށް ފަހުގެ ތާރީހުގައި އެޅުނު އެންމެ މުހިންމު ފިޔަވަޅެވެ. އެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަން ތަރައްގީކޮށް، މަސްވެރިން ބާނާ މަހަށްް ރަނގަޅު އަގެއް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފަ އެވެ.