އިންޑިއަން އޯޝަން އައިލެންޑް ގޭމްސް

އައިއޯއައިޖީގެ ޗެފް ޑި މިޝަނަކަށް ނާފިއު

މުޙައްމަދު ޝަމްޢޫން

މިއަހަރު އޯގަސްޓް މަހު މަޑަގަސްކަރައިގައި ފަށާ އިންޑިއާ އޯޝަން އައިލެންޑް ގޭމްސްއަށް ރާއްޖެއިން ދާ ކޮންޓިޖެންޓްގެ ޗެފް ޑި މިޝަނަކަށް ކުރީގެ ބާސްކެޓް ކުޅުންތެރިޔާ އަބްދުލް ނާފިއު ތައުފީގު ހަމަޖައްސައިފިއެވެ.

އޮލިމްޕިކްސް ކޮމިޓީން އިއްޔެ އައިއޯއައިޖީގެ ޗެފް ޑި މިޝަން އިއުލާނުކޮށްފައިވާ އިރު، މިއަހަރު ރާއްޖެއިން ވާދަކުރާ އިތުރު ގޭމްސްތަކަށް ދާ ކޮންޓިޖެންޓްތަކާ ހަވާލުވެ، ޗެފް ޑި މިޝަނުންގެ ގޮތުގައި ދާނެ ފަރާތްތައްވެސް އިއްޔެ ވަނީ އިއުލާނު ކޮށްފައެވެ.

ރާއްޖެއިން މިއަހަރު ބޮޑު ހަތަރު ގޭމެއްގައި ވާދަކުރަން ހަމަޖައްސާފައިވާ އިރު، އެއީ ޓްރިންޑާޑް އެންޑް ޓޮބޭގޯގައި ބާއްވާ ކޮމަންވެލްތު ޔޫތު ގޭމްސްއާއި އިންޑޮނީޝިއާގައި ބާއްވާ އެނޮކް ވޯލްޑް ބީޗް ގޭމްސްގެ އިތުރުން މަޑަގަސްކަރާގައި ހޯސްޓްކުރާ އައިއޯއައިޖީއާއި ޗައިނާގައި ބާއްވާ އޭޝިއަން ގޭމްސްއެވެ. އިއްޔެ އޮލިމްޕިކް ކޮމިޓީން ވަނީ އެ ހަތަރު ގޭމްސްގެ ޗެފް ޑި މިޝަނުން އިއުލާނު ކޮށްފައެވެ.

މިއަހަރު ރާއްޖެއިން ދާ ގޭމްސްތަކުގެ ތެރެއިން އެންމެ ބޮޑު ކޮންޓިޖެންޓެއް ފޮނުވަން ހަމަޖެހިފައި ވަނީ އައިއޯއައިޖީއަށެވެ. އައިއޯއައިޖީގެ ގިނަ ކުޅިވަރުތަކެއްގައި ރާއްޖެއިން ވާދަކުރާއިރު، އެ މުބާރާތްތަކުގައި ވާދަކުރާ އެތުލީޓުންނާއި އޮފިޝަލުންގެ އިތުރުން މީޑިއާ ޓީމު ހިމެނޭހެން އައިއޯއައިޖީއަށް ގިނަ ބަޔަކު ދާނެކަމަށް އޮލިމްޕިކް ކޮމިޓީން ވަނީ މީގެ ކުރިން އިއުލާނު ކޮށްފައެވެ.

އައިއޯއައިޖީގެ ޗެފް ޑި މިޝަނަކަށް ހަމަޖައްސެ ނާފިއުއަކީ ކުރިން ބާސްކެޓް ބޯޅައިގައި ފާހަގަކޮށްލެވުނު ކާމިޔާބު ކުޅިވަރު ހިންގުންތެރިއެކެވެ. އޭނާ ވަނީ ކްލަބުތައް ހިންގުމުގައިވެސް ކާމިޔާބީތައް ހޯދައި، ގިނަ ދުވަސްތަކެއް ވަންދެން ސްޕޯޓްސް މެނޭޖުމަންޓުގައި ހަރަކާތްތެރިވެފައެވެ. އޭގެ އިތުރުން ނާފިއުއަކީ ރާއްޖޭގެ ބާއްވާ އެންމެ ބޮޑު ކުޅިވަރު އެވޯޑު، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އިސް ފަނޑިޔާރެއްވެސް މެއެވެ.

އޮލިމްޕިކްސް ކޮމިޓީން އިއްޔެ އިއުލާނުކުރި ގޮތުގައި އޯގަސްޓް މަހު، ހަތަރަކުން އެ މަހުގެ 11 ވަނަ ދުވަހަށް ކޮމަންވެލްތު ޔޫތު ގޭމްސްއަށް ދާ ކޮންޓިޖެންޓްގެ ޗެފް ޑި މިޝަނަކީ އައިމިނަތު އަލީއެވެ. އެ ގޭމްސް އޮންނާނީ ޓްރިނިޑާޑް އެންޑް ޓޮބާގޯއެވެ. އަދި އެނޮކް ވޯލްޑް ބީޗް ގޭމްސްއަށް ދާ ކޮންޓިޖެންޓުގެ ޗެފް ޑި މިޝަނަކީ ކުޅިވަރަށް ހާއްސަ ގާނޫނީ ވަކީލެއް ކަމަށްވާ މުހައްމަދު ޖައުޝަން ޝަރީފެވެ. އޭގެ އިތުރުން، ސެޕްޓެންބަރު މަހު ޗައިނާގައި އޮންނަ އޭޝިއަން ގޭމްސްގެ ޗެފް ޑި މިޝަނަކީ އަބްދުލްޣަފޫރު އަބްދުލްހަމީދެވެ.

ރާއްޖޭގެ ފަރާތުން ދާ ކޮންޓިޖެންޓްތަކުގެ ހުރިހާ ކަމެއް ބެލެހެއްޓުމާ ހަވާލުވި ޗެފް ޑި މިޝަނުންނާ ގުޅޭ ގޮތުން އޮލިންޕިކް ކޮމިޓީން ބުނީ، އެ ހުރިހާ ފަރާތްތަކަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި، ކުޅިވަރުގެ މައިދާނުގައި އެ ފަރާތްތައް ކޮށްފައިވާ ހިދުމަތްތަކުން އެކަމަށް އިތުބާރު ލިބޭ ކަމަށެވެ.