ޕާޓީތަކުގެ މެދުގައި ހިޔާލުތަފާތުވުން ބޮޑުވެގެން އެކުލަވާނުލެވުނު، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ގެނައި ބަދަލު ފާސް ކުރަން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގެ ފުރަތަކަ ކަމަކަށް އޮތީ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ، ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެމްބަރުން ތަމްސީލުކުރައްވާނެ ގޮތަށް ގެނެވޭ ބަދަލާ ގުޅޭ މައްސަލަ ކުރިއަށް ގެންދިއުމެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މިހާތަނަށް ވިދާޅުވަމުން އަންނަނީ އެ މައްސަލަ މަޖިލިސް ތަޅުމަށް ނުގެނެސް ވަނީ ޕާޓީތަކުގެ މެދުގައި އެއްބަސްވުމަކަށް ނާދެވޭތީ ކަމަށެވެ. އެ މައްސަލައިގައި މަޖިލީހުގެ ކޮމިޓީތައް ކުރިއަށް ނުގެންދިއުމަށް ވެސް މަޖިލިސް ރައިސް ވަނީ އަންގަވައިފައެވެ.
ނަމަވެސް އެމްޑީޕީން ތަކުރާރުކޮށް ބުނަނީ، ކޮމިޓީތައް އެކުލަވާލުމަށްޓަކައި އިދިކޮޅު ފަރާތްތަކުން ބޭނުންވާ ހުރިހާ ދުލެއް ދީފައިވާ ކަމަށެވެ. އެންމެ ބޮޑު ހިޔާލު ތަފާތުވުމެއް އުފެދިފައިވާ، މަޖިލީހުގެ އާއްމު ކޮމިޓީ އެކުލަވައިލުމުގައި އުފެދުނު ހިޔާލު ތަފާތުވުން ހައްލުކޮށް، އެ ކޮމިޓީގައި ހުރިހާ ފަރާތަކުން މެންބަރުން ހިމެނުމަށް ފުރުސަތު ދީފައިވާ ކަމަށްވެސް އެމްޑީޕީން ބުންޏެވެ.
އެކަމަށްޓަކައި މަޖިލިސް ކޮމިޓީތަކުގައި އޮތް އެޕާޓީގެ 64 ޕަސެންޓް ކުޑަކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އޭގެ އިތުރުން، ސިޔާސީ ޕާޓީތަކުގެ މެންބަރުންނަށް ބަދަލު އައި ނަމަވެސް އެވަގުތަކު ކޮމިޓީތަކުގައި ތިއްބަވާ މެންބަރުންނާ އެކު މަޖިލީހުގެ އާއްމު ކޮމިޓީތައް ކުރިއަށް ގެންދަން ޖެހޭނެ ކަމަށާއި މަޖިލީހުގެ އާއްމު ކޮމިޓީތައް ހުއްޓާލައިގެން ނުވާނެ ކަމަށް މަޖިލިސް ގަވާއިދުގައި ބުނާ ކަމަށްވެސް އެމްޑީޕީން ތަކުރާރުކޮށް އަންނަނީ ބުނަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މަޖިލިހުގެ ނާއިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރިނަމަވެސް، މަޖިލިސް ގަވާއިދުގައިވާ ގޮތަށް، މަޖިލިސް ރައީސް ރިޔާސަތަށް ވަޑައިނުގަތުމުން އެ މައްސަލަ ވަނީ ކުރިއަށް ގެންދެވޭގޮތް ނުވެފައެވެ.
ނަމަވެސް އީވާގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައެއް ނުވެއެވެ.
ކޮމިޓީތަކުގެ މައްސަލައިގެ އިތުރުން ދެން މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނީ، ބައެއް ބިލުތަކާއި މެންބަރުން ހުށަހަޅާފައިވާ ބައެއް ގަރާތުތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.