ޚަބަރު

ބަރެސްދޫ ބިން ގާނޫނާ ހިލާފަށް ވިއްކައިގެން އެމްއެމްޕީއާރުސީން 34 މިލިއަން ހޯދި: ރާއިދު

އަހުމަދު ޖައިޝަން

ލ. އަތޮޅުގައި ތަރައްގީކުރާ ބަރެސްދޫގެ ބިން މިލްކު ކުރެވޭގޮތަށް ވިއްކައިގެން އެމްއެމްޕީއާރުސީން ވަނީ 34 މިލިއަން ރުފިޔާ ހޯދާފައި ކަމަށް މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވެއްޖެ އެވެ.

ބަރެސްދޫ ޕްރޮޖެކްޓުގެ މަސައްކަތް ކުރިން ހަވާލުކޮށްފައިވަނީ އެމްއެމްޕީއާރުސީއާއެވެ. އެ ފައިސާތަކަކީ، އެމްއެމްޕީއާރުސީން ބަރެސްދޫގެ ޕްރޮޖެކްޓާ ހަވާލުވެގެން ހުރިއިރު ހޯދާފައިވާ ފައިސާތަކެކެވެ.

މަގާމަށް އައްޔަން ކުރެއްވުމަށްފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރާއިދު މިއަދު ވިދާޅުވީ ބަރެސްދޫގެ ބިން އެމްއެމްޕީއާރުސީން ވަނީ 19 ފަރާތަކަށް ވިއްކާފައި ކަމަށެވެ.

"އެމްއެމްޕީއާރުސީން މިތަނުގެ ޕްލޮޓްސް ވިއްކާފައިވަނީ އެލްއޭސީ މޮޑެލް އަށް. މާނައަކީ ލޭންޑް އެކުއިޒިޝަން ކޯސްޓް ނެގުމަށްފަހު ބިން މިލްކު ކުރެވޭ މޮޑެލް އަކަށް ވިއްކާފައި ވަނީ. މިއީ އަޅުގަނޑުމެންގެ ގާނޫނުތަކާ ހިލާފަށް ވިއްކާފައި އޮތް ވިއްކުމެއް،" ރާއިދު ވިދާޅުވިއެވެ.

ދިވެހި ރާއްޖޭގެ ގާނޫނުގައި ފަޅުރަށްތަކުގައި ގެސްޓްހައުސް ހަދަން ވަކިން ބިން ވިއްކުން ހުއްދަ ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީން ބަރެސްދޫގެ ޕްރޮޖެކްޓް ރަސްމީކޮށް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލްގައެވެ.

އެމްއައިޓީޑީސީ 2016ގައި އުފައްދާފައިވާއިރު ބަރެސްދޫގެ މަޝްރޫއުގައި އެކުންފުނިން ސޮއިކޮށްފައިވަނީ 2017 ގައެވެ.

ރާއިދު ވިދާޅުވީ ބަރެސްދޫ މަޝްރޫއުން އެމްއެމްޕީއާރުސީން ހޯދި 34 މިލިއަން ރުފިޔާ ބޭނުންކޮށްފައި އެމްއައިޓީޑީސީއަށް ހަވާލުކޮށްފައިވަނީ 14 މިލިއަން ރުފިޔާ ކަމަށެވެ.

އެމްއައިޓީޑީސީއާ ބަރެސްދޫ ޕްރޮޖެކްޓް ރަސްމީކޮށް ހަވާލުކުރުމުގެ އަހަރެއް ކުރީން އެމްއައިޓީޑީސީން ވަނީ އެ ތަނުން ފައިސާ ނަގަން ފަށާފައި ކަމަށް ރާއިދު ވިދާޅުވިއެވެ. އެހެންނަމަވެސް އެމްއައިޓީޑީސީން އެ މަޝްރޫއަށް ބިން ދޫކޮށްފައިވަނީ ކުއްޔަށް ކަމަށާއި އެއީ ގާނޫނާ އެއްގޮތަށް ކުރިއަށް ގެންދިޔަ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއައިޓީޑީސީން ބަރެސްދޫގެ ބިން 19 ފަރާތަކަށް ކުއްޔަށް ދޫކޮށްގެން ވަނީ 21 މިލިއަން ރުފިޔާ ހޯދާފައި ކަމަށް ރާއިދު ފާހަގަކުރެއްވިއެވެ.

އެ ޕްރޮޖެކްޓްގެ ދަށުން އެމްއެމްޕީއާރުސީން ކޮށްފައިވާ ހަރަދުތަކުގެ މައުލޫމާތުވެސް ވަނީ ރާއިދު ހިއްސާކުރައްވައިފައެވެ. އޭނާ ވިދާޅުވިގޮތުގައި އެމްއެމްޕީއާރުސީން ވަނީ ކޮންޓްރެކްޓްގެ އުސޫލުންނާއި ކޮންޓްރެކްޓް އުސޫލުން ބޭރުންވެސް ހަރަދުތައްކޮށްފައެވެ.