ޚަބަރު

ހައިވޭގައި ހިނގި އެކްސިޑެންޓެއްގެ މަންޒަރު ދުށް މީހަކު ހުރިތޯ ބަލަނީ

ބްރިޖް ހައިވޭގެ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭންގެ ސީޕްލޭން ޓާމިނަލްއާ ހިސާބުގައި މިދިޔަ ހަފުތާގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ފުލުހުން ކުރަމުން އަންނަ ތަހުގީގަށް އެ އެކްސިޑެންޓްގެ މަންޒަރު ދުށް މީހަކު ހުރިތޯ ބެލުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓަކީ މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ މެންދުރު 14:54 އެހާކަންހާއިރު މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭންގެ ހަތަރު ލޭން ސަރަހައްދު ނުވަތަ ސީޕްލޭން ޓާމިނަލްއާ ހިސާބުގައި ކާރެއް ހުއްޓިފައި އޮތް ވަގުތު އެ ކާރު ފަހަތުން އޯވަޓޭކް ކުރި ވޭނެއްގައި، ދުއްވާފައި އައި ސައިކަލެއް ޖެހި ހިނގާފައިވާ އެކްސިޑެންޓެއް ކަމަށެވެ.

މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން 19 އަހަރުގެ އަންހެނަކަށް އަނިޔާވެ ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

ހައިވޭގައި ހިނގި މި އެކްސިޑެންޓުގެ މަންޒަރު ދުށް އެއްވެސް ފަރާތެއްވާ ނަމަ ނުވަތަ އެކްސިޑެންޓާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9631696 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.