ޚަބަރު

ސުނާމީ ލޯނުތަކަށް އެކިމީހުން ދައްކަންޖެހޭ 15.2 މިލިއަން ސަރުކާރުން ދައްކައިދީ ލޯނުތައް މައާފުކޮށްދީފި

1

ދެހާސް ހަތަރުވަނަ އަހަރުގެ ޑިސެމްބަރު މަހު ދިވެހިރާއްޖެއަށް ދިމާވި ގެއްލުންބޮޑު ސުނާމީ ކާރިސާ ގައި ލިބުނު ގެއްލުންތައް ފޫބެއްދުމަށް ސަރުކާރާއި، ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން އަމިއްލަ ފަރުދުންނަށް ދޫކުރި ސުނާމީ ލޯނުތަކަށް ދައްކަންޖެހޭ 15.2 މިލިއަން ރުފިޔާ ސަރުކާރުން ދައްކައިދީ އެ ލޯނުތައް މައާފުކޮށްދީފިއެވެ.

މިކަމާ ގުޅިގެން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެގައި ބުނެފައިވަނީ، ސުނާމީ ކާރިސާގައި ލިބުނު ގެއްލުންތައް ފޫބެއްދުމަށް އަމިއްލަ ފަރުދުންނަށް ދޫކުރި ލޯނުތަކުގެ ތެރެއިން 455 ލޯނަކަށް އަނބުރާ ނުދައްކައި ހުރި 30.4 މިލިއަން ރުފިޔާގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމުގެ މަތިން، ސަރުކާރުން މިއަދު 15.2 މިލިއަން ރުފިޔާ ދައްކައިފި ކަމަށެވެ.

އެމަނިކުފާނު މިގޮތަށް ނިންމަވާފައިވަނީ މި ލޯނުތައް ދޫކޮށްފައިވާ ފަރުދުން، ލޯނު އަނބުރާ ދެއްކުމުގައި ދަތިތަކެއް ހުރުމާއި، ލޯނު ނުދައްކައި ގިނަ ދުވަސްތަކެއް ވަމުންދާތީ، މިކަމުގެ މައްޗަށް ރިއާޔަތް ކުރެއްވުމަށްފަހުގައި ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

"މިގޮތުން، މި ލޯނުތަކަށް މިހާތަނަށް ނުދައްކާ ހުރި ފައިސާގެ %50 (ފަންސާސް އިންސައްތަ) ސަރުކާރުން ދެއްކުމާއެކު ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ނުދައްކާ ބާކީ ހުރި 15.2 މިލިއަން ރުފިޔާ މަޢާފްކޮށްދީފައެވެ. މިއާއެކު މި ލޯނުތައް މިވަނީ ހަލާސްކުރެވިފަ،" ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އަދި، ސުނާމީ ކާރިސާ އާ ގުޅިގެން ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން ފައިސާ ނުދައްކައި ހުރި އެއްވެސް ލޯނެއް މިހާރު ނެތްކަމަށްވެސް ރަައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟