އިބްރާހިމް ޒަކީ
އެސްޓީއޯގެ ދަށުގައި މިފްކޯ އޮވެ އެތަނަށް ލިބެމުންދާ ގެއްލުންތައް ބަލައި އެކުންފުންޏަކީ ފައިދާހުރި ކުންފުންޏަކަށް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ދ. މީދޫގައި ބޭއްވި އެމްޑީޕީގެ މަޖިލިސް ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސްް ވިދާޅުވީ، އަމާޒަކީ، މަސްވެރިންނަށް މަހުގެ ހަމައަގު ވަރަށް އަވަހަށް ލިބޭނެގޮތް ހަމަޖެހިގެން ދިއުން ކަމަށެވެ.
"އެސްޓީއޯގެ ދަށުގައި މިފްކޯ އޮވެ، އެތަނަށް ލިބެމުންދާ ގެއްލުންތައް ބަލައި، މިހާރު އަޅުގަނޑުމެން މިގެންދަނީ ސަރުކާރުގެ މަސްކުންފުނި އަލުން އެއީ ފައިދާހުރި ކުންފުންޏަކަށް ހަދައި އެތަނުންލިބޭ ހިދުމަތްތައް އިތުރު ކުރުމުގެ މަސައްކަތްތައް ކުރަމުން. އަޅުގަންޑުމެންގެ އަމާޒަކީ ރައްޔިތުންނަށް މަސްވެރިންނަށް، މަހުގެ ހަމައަގު ވަރަށް އަވަހަށް ލިބޭނެގޮތް ވަރަށް އަވަހަށް ހަމަޖެހިގެން ދިއުން. މަސްވެރިންނަށް ލުއި ފަސޭހަތައް ހޯދައި ދިނުމުގެ ގޮތުން މިހާރު ވާނީ ޑީސަލްގެ ޑިއުޓީވެސް ކަނޑާލެވިފަ. އޭގެ ރަނގަޅު ފައިދާ ދާދިއަވަހަށް މަސްވެރިންނާ ހިސާބަށް ލިބިގެންދާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސުލް ޖުމްހޫރިއްޔާ މިހެން ވިދާޅުވިއިރު، އެސްޓީއޯގެ ދަށުން މިފްކޯ ހިންގުމަކީ މި ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވެފައިވަނީ އާ ސަރުކާރު ހަވާލުވި ފަހުން ވެސް މިފްކޯ އަށް 30 މިލިއަން ރުފިޔާދީފައިވާ ކަމަށެވެ.
ސަރުކާރުގެ މަސްކުންފުނި (މިފްކޯ) ދަރަނި ބޮޑުވުމުގެ ސަަބަބުން އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި އެ ކުންފުނި ހިންގަން ފަށާފައިވަނީ، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުގައެވެ.
އެކުންފުނި އެސްޓީއޯގެ ދަށަށް ބަދަލުކުރަން ނިންމައި، ކުންފުނީގެ އޭރުގެ 300 މިލިއަން ރުފިޔާގެ ދަރަންޏާ ސަރުކާރުން ވަނީ ހަވާލުވެފައެވެ.