ޚަބަރު

ނަރުދޫ ބަނދަރުގެ ބޭސިން ފުންކުރުމުގެ 23 ޕަސެންޓް ނިންމާލައިފި

ށ. ނަރުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އާ ހާބަރުގެ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 23 ޕަސެންޓް ނިމިއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނީ ނަރުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމުތޮށީގެ ބްލޮކް ޖެހުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ނަރުދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އޭޕްރީލް 28 ވަނަ ދުވަހުއެވެ. ޖުމުލަ 43.8 މިލިއަން ރުފިޔާގެ މި މަޝްރޫއު ނިންމަން އެއްބަސްވެފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައެވެ.

މި މަޝްރޫއުގެ ދަށުން، 51,212 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 4,120 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 371 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 205 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހައި 210 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން ހިމެނެއެވެ. އަދި 955 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުމާއި ރޭމްޕެއް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.