ރާއްޖޭގެ މިއަހަރުގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ރަސްމިއްޔާތައް އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމަށް ދައުވަތު ދީފި އެވެ.
ޓުއަރިޒަމް މިނިސްޓަރ އަދި ވަގުތީ ގޮތުން ޔޫތް އެންޑް ސްޕޯޓްސް މިނިސްޓްރީއާއި ހަވާލުވެ ހުންނެވި އަލީ ވަހީދު އިންޑީއާގެ ގައުމީ ޓީމަށް ދައުވަތު ދީފައި ވަނީ އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރާއި ބައްދަލު ކުރެއްވުމުގެ ތެރެއިންނެވެ. އިއްޔެ ކުރިއަށް ދިޔަ މި ބައްދަލުވުމުގައި މިނިސްޓަރ އަލީ ވަހީދު އަދި އިންޑީއާގެ ސަފީރު ސަންޖޭ ސޫދިރް ވަނީ ދެގައުމު ދެމެދުގެ ބައިލެޓެރަލް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ކުރެވިދާނެ އެކި ކަންކަމާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލު ވުމަކީ މިނިސްޓަރ އަލީ ވަހީދު މީގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް އިންޑީއާއަށް ކުރެއްވި ދަތުރުފުޅާއި ގުޅިގެން ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ. އެގޮތުން އިންޑީއާގެ ގައުމީ ފުޓްބޯޅަ ޓީމަށް ރާއްޖޭގެ ފުޓްބޯޅަ ލީގު ފެށުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމަށް ދައުވަތު ދެއްވާފައިވާއިރު، ފުޓް ބޯޅަ ލީގު ފެށުމުގެ ރަސްމިއްޔާތު ވަރަށް ކުލަގަދަ ކޮށް ފާހަގަކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ބޮލީވުޑް ގެ އެކި ސްޓާރުންނާއި މިއުޒިޝަނުން މި ހަރަކާތުގައި ބައިވެރިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.