މިއަހަރު ރާއްޖެއިން ހައްޖަށްދާ މީހުންގެ ފުރަތަމަ ގްރޫޕް މިއަދު ފުރައިފިއެވެ.
މިއަދު ހައްޖަށް ފުރީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ފުރަތަމަ ގްރޫޕްގައި ހިމެނޭ 294 ހައްޖާޖީންނެވެ. އެ ހައްޖާޖީން ފުރީ މިއަދު މެންދުރު ފަހު 3:10 ގެ ފްލައިޓުންނެވެ.
މިއަދު ފުރި ހައްޖާޖީންނާ، މިއަހަރުގެ އަމީރުލް ހައްޖު އަދި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ބައްދަލުކުރައްވައިފައެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނި ގޮތުގައި ހައްޖާޖީންނަށް އަބްދުލް އަޒީޒު އިންޓަނޭޝަނަލް އެއާޕޯޓަށް ދެވޭނީ ރާއްޖެ ގަޑިން ރޭގަނޑު 6:45 ގައެވެ.
މި ފަހަރު ހައްޖާޖީން ޖުމްލަ ހަ ފްލައިޓެއްގައި ދަތުރުކުރުމަށް ހަމަޖެހިފައިވާ އިރު، ފްލައިޓްތައް އޮންނާނީ މިއަދުން ފެށިގެން މި މަހުގެ 12، 13، 15، 16 އަދި 19 ވަނަ ދުވަހުއެވެ.
ދިވެހި ހައްޖާޖީންގެ އެންމެހާ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ހުރިހާ އިންތިޒާމުތަކެއް ވީހާވެސް ފުރިހަމަޔަށް ގެންދިޔުމަށް ބާރު އެޅުމަށްޓަކައި ސަރުކާރުން ކޮންމެ އަހަރަކުވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ދިވެހި ހައްޖު މިޝަނުން ވަނީ މިއަހަރު ދިވެހި ހައްޖާޖީންނަށް ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވާ ކުންފުނިކަމުގައިވާ "އަލް ބައިތު ގެސްޓްސް" އާ ބައްދަލުކޮށްފައެވެ. ސައުދީގެ "އަލް ބައިތު ގެސްޓްސް" އިން ބުނެފައިވާ ގޮތުގައި ދިވެހި ހައްޖާޖީން މިނާ އަދި އަރަފާތުގައިވެސް ތިބޭނީ އެއް ސަރަހައްދެއްގައެވެ.
މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް 1،000 ކޯޓާ ވަނީ ލިބިފައެވެ. ހައްޖަށް މީހުން ގެންދިއުމަށް ރާއްޖޭގެ ތިން ކުންފުންޏަކަށް ހުއްދަ ދީފައިވާ އިރު، ކޮންމެ ކުންފުންޏަކަށް ސަރުކާރުން ވަނީ 90 ކޯޓާ ދީފައެވެ. އެއީ އަލްހަރަމައިން ހައްޖު އެންޑް އުމްރާ، ސިސިލްފަރު ހައްޖު އެންޑް އުމްރާ އަދި އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑްއެވެ. ބާކީ ހުރި ކޯޓާތައް ދީފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ.