ޚަބަރު

ފުއްގިރި ކުއްޔަށްދޫކުރުން އަވަސްކުރަން ޔާމީން މެސެޖުކުރި، ކްރިކް ރިޒާއަށް ޖަމާވީ ޔާމީންގެ ޕޭމެންޓެއް: ޒިޔަތު

އަލީ ޔާމިން

ރ. ފުއްގިރި ހިޔާނާތުގެ މައްސަލައިގައި ކުރީގެ އަހުމަދު ކްރިކް ރިޒާއަށް ޖަމާވި ޗެކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޗެކެއްކަން އެނގިފައިވާ ކަމަށް އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވިދާޅުވެއްޖެއެވެ.

ފުއްގިރި މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު އޮތް ހެކިބަސް ދިނުމުގެ އަޑުއެހުމުގައި ހެކިބަސް ދެއްވަމުން ޒިޔަތު ވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ދޫކުރުމުގައި ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީން އަދާ ކުރި ދައުރާ ގުޅޭ ބައެއް ވާހަކަތައް ދައްކަވާފައެވެ.

ހެކިބަސް ދެމުން ޒިޔަތު ވަނީ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅޭ ލިޔުންތަކުގައި ސޮއިކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އެ މުއާމަލާތުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ވާހަކަ ދެއްކެވީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ކަމަށް ޒިޔަތު ވިދާޅުވިއެވެ.

"އެ ރަށް ކުއްޔަށް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދެވީ ޔާމީން ދަންނަވައިގެން. ފޯނު ކޯލާއި މެސެޖުތައް މެދުވެރިކޮށް އެ ވާހަކަތައް އޭރު ދެކެވުނު. އަދި ބައްދަލުވުންތައްވެސް ކުރިއަށްގެންދެވުނު" ޒިޔަތު ވިދާޅުވިއެވެ.

ޒިޔަތު ވިދާޅުވީ، އެ ބައްދަލުވުންތަކުގައި އަދީބާއި ކްރިކް ރިޒާގެ އިތުރުން އިތުރު ފަރާތްތައްވެސް ބައިވެރިވެވަޑައިގެންނެވިކަމަށެވެ.

ޒިޔަތު ވިދާޅުވީ، ފުއްގިރީގެ އަގަކީ 2.5 ޑޮލަރު ކަމަށް ހަމަޖައްސައި އެ އަގު ފުރަތަމަ ކަނޑައެޅުއްވީީ އަދީބު ކަމަށާއި ނަމަވެސް ފަހުން ކްރިކް ރިޒާ މެދުވެރިކޮށް އެރަށުގެ އަގު ހަތަރު ލައްކަ ޑޮލަރަށް ކުޑަކޮށް ކްލަސިކް ސިޓީ ހޯލްޑިންގްސް އަށް ރަށް ދިނުމާ ގުޅޭ ކަންކަން ކުރިއަށް ގެންދިޔަކަމަށެވެ. ނަމަވެސް އެ އަގު ކުޑަވެގެން، އަދީބުގެ އެންގެވުމަށް، އަގު 1.55 މިލިއަން ޑޮލަރަށް ބަދަލުކޮށްފައިވާ ކަމަށް ޒިޔަތު ވިދާޅުވިއެވެ. އެކަމުގެ ސިޓީއެއް ތައްޔާރުކުރަން އަދީބު އެންގެވިކަމަށްވެސް ވިދާޅުވިއެވެ.

ޒިޔަތު ވިދާޅުވީ، ފުއްގިރި ކުއްޔަށް ދިނުމަށް ދެ ފަހަރެއްގެ މަތިން ސޮއިކުރުމުގެ ބައްދަލުވުމެއް ބޭއްވިނަމަވެސް، ކްރިކް ރިޒާގެ އެކައުންޓަށް ޖަމާވާން ޖެހޭ ޕޭމަންޓެއް ޖަމާނުވާތީ އޭނާގެ އެދުމުގެ މަތިން އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްގެންގޮސްފައި ނުވާ ކަމަށެވެ. ނަމަވެސް ފަހުން އެ ޕޭމަންޓް ލިބުމުން ސޮއިކުރުމުގެ ކަންކަން ކުރިއަށްދިޔަ ކަމަށް ވިދާޅުވިއެވެ.

ދައުލަތުން ވަނީ، އެ ޕޭމަންޓް އެހާ މުހިންމު ވަނީ ކީއްވރެކަން ސާފުކޮށްދިނުމަށް ޒިޔަތާ ސުވާލުކޮށްފައެވެ.

އެއަށް ޖަވާބު ދެއްވަމުން ޒިޔަތު ވިދާޅުވީ، އެއީ އެއްބަސްވުމުގެ ބޭރުން އަންނަ ޕޭމަންޓެއް ކަމަށާއި އެއީ ރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީނަށް އަންނަ ޕޭމަންޓެއް ކަމަށް އެނގިފައި އޮތްކަމަށެވެ. ކްރިކް ރިޒާއާއި އަދީބުވެސް އެހެން ވިދާޅުވެފައިވާކަން ޒިޔަތު ފާހަގަ ކުރެއްވިއެވެ.

ޒިޔަތު އިތުރަށް ވިދާޅުވީ، ފުއްގިރި ކުއްޔަށް ދޫކުރުން އަވަސްކޮށްދިނުމަށް އެދި ޔާމީން މެސެޖުކުރެއްވި ކަމަށާއި ބައެއް ރަށްރަށުގެ އަގު ކަނޑައެޅުމުގެ ކަންކަމުގައިވެސް ޔާމީނު އިރުޝާދު ދެއްވާފައިވާ ކަމަށެވެ.

ފުއްގިރި މައްސަލައިގައި ޔާމީނަށް ވަނީ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އުފުލައިފައެވެ. އެ މައްސަލައިގައި މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށާއި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށްވެސް ދައުވާކޮށްފައިވެއެވެ. އެއީ ރިޝްވަތު ގަބޫލުކުރުމުގެ ކުށާއި މަނީ ލޯންޑަރިންގެ ދައުވާއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނާ ގޮތުން، ޔާމީން ވަނީ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 އެމެރިކާ ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށް ޓަކައި ފަށަލަކޮށްފައެވެ.

އެ މައްސަލައިގެ ތެރެއިން ޖުމުލަ 38،334،560 އެމެރިކާ ޑޮލަރު ދައުލަތަށް އަނބުރާ ހޯދަން މަސައްކަތްކުރާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

އެއީ ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 އެމެރިކާ ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 އެމެރިކާ ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 އެމެރިކާ ޑޮލަރެވެ.