މޭޑޭގެ މުޒާހަރާގައި ހައްޔަރު ކުރި ގ. ފްރެޝްލައިޓް އިބްރާހިމް ރަޝީދުގެ ހާލު ޖެންޑާ މިނިސްޓްރީން ބަލަމުން އަންނަކަމަށް ޖެންޑާރ މިނިސްޓަރ ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.
ޝިދާތާ މިހެން ވިދާޅުވެފައި ވަނީ ރަޝީދުގެ ފޮޓޯ އަދި ވީޑިއޯ ތަކެއް ސޯޝަލް މީޑިއާގައި އާންމުވެ، މި ހަބަރު އެކި މީޑިއާތަކަށް އެރުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ރަޝީދުގެ ފޮޓޯ ތަކުގައި އޭނާ އަށް ޖެހިފައިވާ ހަމުގެ ބަލި އެތަށް ގުނައަކުން ގޯސްވެފައިވާކަން ހާމަވެއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޑޮކްޓަރުގެ ލަފާގެމަތިން ރަޝީދު ވަނީ ގޭބަންދަށް ދޫކޮށްފައެވެ. އޭނާ ގޭބަންދަށް ދޫކޮށްލާފައި ވަނީ އޭނާއަށް ޖެހިފައިވާ ހަމުގެ ބަލީގެ ސަބަބުން، ހޫނު ތަންތަނުގައި އޭނާ ނުގެންގުޅުމަށް ޑޮކްޓަރު ލަފާ ދިނުމާ ގުޅިގެންނެވެ. ރަޝީދަށް މި ބަލި ޖެހިފައިވަނީ އޭނާ މާފުށީ ޖަލުގައި ހުއްޓައެވެ.
މިކަމާ ގުޅޭ ގޮތުން ޝިދާތާ ވިދާޅުވިގޮތުގައި މިހާރު އެ މިނިސްޓްރީން އަންނަނީ ރަޝީދުގެ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ. އެގޮތުން އާއިލާގެ ބެލުމުގެ ދަށުން ރަޝީދަށް މި ހާރު ސިއްހީ ފަރުވާ ދެމުންއަންނަ ކަމަށް މިނިސްޓަރ ވިިދާޅުވިއެވެ.
މޭޑޭ މުޒާހަރާގެ ތެރެއިން ފުލުހަކަށް ހަމަލާ ދިން މައްސަލައިގައި ރަޝީދުގެ މައްޗަށް 7 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ 2016 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ.
ފަހުން އޭނާ ގޭބަންދަށް ބަދަލުކޮށްފައި ވަނީ އެކި ފަހަރުމަތިން އައިޖީއެމްއެޗް އަށް ގެންގޮސް ފަރުވާ ދިނުމަށް ފަހު، ޑޮކްޓަރުގެ ލަފާގެ މަތިންނެވެ.