ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކުރި އާ ރަންވޭ ހުޅުވުމުގެ ގޮތުން ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާއެކު އޭ-380، އާ ރަންވޭގައި ޖައްސައިފިއެވެ.
ކޯޑް އެފް ރަންވޭގައި މިހާރު ދުއްވާ އެންމެ ބޮޑެތި ބޯޓް، އޭ-380 އާ ރަންވޭގައި ޖެއްސުމުގެ ހުއްދަ ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ. މިއީ މިހާތަނަށް އެވަރުގެ ބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސި ފުރަތަމަ ފަހަރެވެ. އެ ބޯޓުގެ ކެޕްޓަނަކަށް އިންނެވީ ރާއްޖޭގެ އަލީ އަހުސަނެވެ.
އާ ރަންވޭ ބޭނުންކުރަން ފެށުމާއެކު މިހާރު އޮތް ރަންވޭ، ޓެކްސީވޭއެއްގެ ގޮތުގައި ބޭނުންކުރަން ނިންމާފައިވީ ނަމަވެސް، އާ ރަންވޭ ހުރި ސަރަހައްދުގައި ސީޕްލޭން ޓާމިނަލާއި ހެނގަރު ހުރުމުން އެ ރަންވޭ ރަސްމީކޮށް ބޭނުންކުރަން ފެށޭނީ އެތަންތަން އެހެން ތަނަކަށް ބަދަލު ކުރެވުމުންނެވެ. އެ މަސައްކަތަށް ދެތިން މަސް ނަގާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
އާރަންވޭއަކީ ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ހަދާފައިވާ ރަންވޭއެކެވެ. އެ ރަންވޭ ތަރައްގީ ކުރުމުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އިންނެވެ. އެންމެ ބޮޑެތި ބޯޓުތައް ޖެއްސޭ ގޮތަށް ތަރައްގީކުރި އާ ރަންވޭގެ ދިގު މިނުގައި 3,400 މީޓަރު ހުންނަ އިރު، ފުޅާމިނުގައި 60 މީޓަރު ހުރެއެވެ.