ކުދިންގެ ޒާތީ މައުލޫމާތު އާންމުކުރެވޭނެ ހާލަތްތައް ބަޔާންކޮށް، "ކުށުގެ ތުހުމަތުވާ ކުދިންނާއި ކުށުގެ ޝިކާރައަކަށްވެފައިވާ ކުދިންނާއި އެ ނޫންވެސް ސަބަބަކަށްޓަކައި އަޅައިލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންގެ މައުލޫމާތު އާއްމުކުރުމަށް ޗިލްޑްރެންސް އޮމްބޮޑްސްޕާސަން ހުއްދަ ކުރާ މިންވަރު ބަޔާންކުރާ އުސޫލު" އެކުލަވާލައި، އާންމުކޮށްފިއެވެ.
ޗިލްޑްރެންސް އޮމްބޮޑްސްޕާސަންގެ އޮފީހުން މިއަދު ގެޒެޓުކުރި އުސޫލުގައިވާ ގޮތުގައި ކުށުގެ ތުހުމަތުވާ ކުދިންނާއި ކުށުގެ ޝިކާރައަކަށްވެފައިވާ ކުދިންނާއި އެ ނޫންވެސް ސަބަބަށްޓަކައި އަޅައިލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންގެ ޒާތީ މައުލޫމާތު ކުރިމަތިވާ ވަކި ހާއްސަ ހާލަތެއްގެ ސަބަބުން ކުއްޖާގެ މަސްލަހަތަށްޓަކައި އާންމު ކުރެވިދާނެއެވެ.
އެގޮތުން އެފަދަ ކުއްޖާއަށް އެެހީތެރިކަމެއް ބޭނުންވެ އާންމުންގެ އެހީތެރިކަން ލިބިގެން ނޫން ގޮތަކަށް އެކަން ކުރެވެން ނެތް ހާލަތުގައި އެ ކުއްޖެއްގެ މައުލޫމާތު އާންމު ކުރެވިދާނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.
އުސޫލުގައިވާ ގޮތުގައި، އެ ކުއްޖާއަކީ މައްސަލައަކާ ގުޅުން ހުރި ކުއްޖެއްކަން އެނގޭފަދަ ނުވަތަ ދޭހަވާނެ ފަދަ ގޮތަކަށް އެއްވެސް މައުލޫމާތެއް ނުވަތަ ތަސްވީރެއް އާންމު ނުކުރެވޭނެއެވެ. އަދި އެކަން ކޮށްފި ނަމަ ފިޔަވަޅު އެޅޭނެ ކަމަށްވެސް އުސޫލުގައިވެއެވެ.