ތުއްތު ކުއްޖަކު ސައިކަލުގެ ވަށިގަނޑަށް ލައިގެން މާލޭ ރިންގް ރޯޑުގައި ދުއްވަނިކޮށް އާންމުވެފައިވާ ވީޑިއޯގައި ތުހުމަތު ކުރެވެނީ ފުލުހެއްގެ މައްޗަށް ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑްއިން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ. މީގެ އިތުރުން އެމީހާގެ ލައިސަންސް ހިފެހެއްޓުމަށް ޓްރާންސްޕޯޓު މިނިސްޓްރީއާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ކުޑަ ކުއްޖެއްގެ ފުރާނަޔަށް ނުރައްކާވާ ގޮތަށް އަމަލު ކުރި މައްސަލަ ފުލުހުންގެ، ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް އިން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ހާމަކުރިއެވެ.
ފުލުހުން ވިދާޅުވިގޮތުގައި ކުޑަ ކުއްޖެއްގެ، އަދި އެހެން މީހެއްގެ ވެސް ފުރާނަޔަށް ނުރައްކާވާ ގޮތަށް އަމަލު ކުރުމަކީ އެ އިދާރާއިން ކުށްވެރި ކުރާ ކަމެކެވެ. އަދި މިފަދަ އަމަލު ކުރާ މީހުންނަށް އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ހާމަކުރިއެވެ.
މީގެ އިތުރުން ޓްރެފިކް ގަވާއިދުތަކަށް އިހްތިރާމް ކުރުމަށް ހުރިހާ އެންމެނަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ.
ތުއްތު ކުއްޖަކު ސައިކަލުގެ ވަށިގަނޑަށް ލައިގެން މާލޭ ރިންގް ރޯޑުގައި ދުއްވަނިކޮށް އާންމުވެފައިވާ މި ވީޑިއޯއާ ގުޅިގެން އެކަން ބެލުމަށާއި އެކަންކުރި މީހާއާމެދު ފިޔަވަޅު އެޅުމަށް އެތައް ބަޔަކު ދަނީ ގޮވައިލަމުންނެވެ.