ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް ދީނީ ދަރުސްތަކުގައި ވާހަކަދެއްކުން މަނާވާ ގޮތަށް މި އަހަރުގެ ރިޔާސީ އިންތިހާބުގެ ގަވާއިދު އިލެކްޝަންސް ކޮމިޝަނުން އެކުލަވާލައި ގެޒެޓްކޮށްފި އެވެ.
އިއްޔެ ގެޒެޓުކުރި އެ ގަވައިދުގެ 24 ވަނަ މާއްދާގައި ބުނެފައިވަނީ ވަކި ޖިންސެއްގެ މީހަކަށް ވާތީ ނުވަތަ އިސްލާމް ދީނުގައި ވަކި މަޒުހަބަކަށް އުޅެމުންދާ ކަމަށްޓަކައި އެއީ ވަކި ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް ނުވަތަ ވޯޓު ނުދިނުމަށް އޮތް ސަބަބެއް ކަމުގައި އެއްވެސް ބަޔަކަށް ހުށަހަޅައިގެން ނުވާނެ ކަމަށެވެ.
ސްކޫލުތަކާއި މަދަރުސާތަކާއި ކޮލެޖުތަކާއި ޔުނިވަސިޓީތަކާއި ކިޔަވައިދޭ އެހެނިހެން ތަންތަނުން ދޭ ފިލާވަޅުތައް މެދުވެރިކޮށް ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް މަސައްކަތްކޮށްގެން ނުވާނެ ކަމަށްވެސް ބުނެފައިިވެއެވެ.
މީގެ އިތުރުން ދީނީ އެކިއެކި މުނާސަބަތުތަކާއި ދީނީ ދަރުސްތަކާއި ހުތުބާތަކުގައި ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ ކަމަށް ބުނެފައިވެއެވެ.
ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނާނީ މިއަހަރުގެ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު އެވެ. އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ބޭފުޅުންނަށް އެ ފުރުސަތު ހުޅުވާލުމަށް ހަމަޖައްސާފައިވަނީ އަންނަ މަހުގެ 23 އިން އޮގަސްޓް ތިނަކަށެވެ.