ޚަބަރު

އަބްދުﷲ ޖަމީލް އަވަހާރަވުމާ ގުޅިގެން 3 ދުވަހަށް ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފި

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އަބްދުﷲ ޖަމީލް މިއަދު އަވަހާރަވުމާ ގުޅިގެން ތިން ދުވަހަށް ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފިއެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ މުހައްމަދު ޖަމީލު ދީދީގެ ދޮށީ ފިރިހެން ދަރިކަލުން އަބްދުﷲ ޖަމީލު އަވަހާރަވީ ގިނަ ދުވަސްތަކެއް ވާންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު މިއަދު ހެނދުނު މާލޭގައި އޭނާގެ ގޭގައެވެ.

ރައީސް އޮފީހުން މިއަދު ބުނީ އަބްދުﷲ ޖަމީލު އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި މި ޖޫން މަހުގެ 13 ވާ އަންގާރަ ދުވަހުން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ގައުމީދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ.

އަބްދުﷲ ޖަމީލުގެ ޖަނާޒާ ބޭއްވެވުމަށް ސަރުކާރުން ހަމަޖައްސަވައިފައި ވަނީ ރަސްމީ އިއްޒަތުގައެވެ. މޫނުފުޅު ދެއްކުން އޮންނާނީ އިސްލާމީ މަރުކަޒުގައެވެ. ކަށުނަމާދު އޮންނާނީ މިއަދުގެ އަސްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަބްދުﷲ ޖަމީލަކީ، 54 އަހަރަށްވުރެ ދިގު މުއްދަތެއްގައި، ދިވެހި ދައުލަތަށާއި ދިވެހި ގައުމަށް ހިދުމަތް ކުރެއްވި ބޭފުޅެކެވެ. ސަރުކާރުގެ ހިދުމަތުގައި އޭނާ ވަނީ ހަ މިނިސްޓްރީގެ މިނިސްޓަރުކަން ކުރައްވައިފައެވެ. އެގޮތުން ހޯމް މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީ، ހެލްތު މިނިސްޓްރީ، އެޓޮލްސް މިނިސްޓްރީ، ޓޫރިޒަމް މިނިސްޓްރީ އަދި ހޯމް އެފެއާޒް އެންޑް ހައުސިން މިނިސްޓްރީގެ ވަޒީރުކަން ކުރެއްވި އެވެ.

އަބްދުﷲ ޖަމީލަށް ވަނީ މިނިވަން 25ގެ އާންމު ހިދުމަތުގެ އިނާމުވެސް ލިބިވަޑައިގެންފައެވެ. އަދި އޭނާއަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވައިފައި ވަނީ 10 ނޮވެންބަރު 2008 ގައެވެ.