ހުޅަނގު އޭޝިއާއަށް ނިސްބަތްވާ ލުބުނާން، ފުޓުބޯޅައަށް ތައާރަފުވެގެންދިޔައީ 1933 ވަނަ އަހަރުއެވެ. ލުބުނާނަކީ ފުޓުބޯޅައިގެ އިދާރާއެއް އުފެއްދި މެދުއިރުމަތީގެ ފުރަތަަމަ ގައުމުތަކުގެ ތެރޭގައި ވެސް ހިމެނޭ ގައުމެކެވެ. ލުބުނާނަށް ވޯލްޑް ކަޕުން އަދި ފުރުސަތެއް ލިބިފައިނުވި ނަމަވެސް، އެޓީމުން ވަނީ އޭޝިއަން ކަޕަށް ތިން ފަހަރަކު ކޮލިފައިވެފައެވެ. ލުބުނާނުން ފުރަތަމަ ކޮލިފައިވެފައިވަނީ 2000 ވަނަ އަހަރު ބޭއްވި އޭޝިއަން ކަޕަށެވެ.
ފީފާގެ ރަސްމީ މެޗަކަށް ލުބުނާން ފުރަތަމަ ނުކުތީ 1940 ވަނަ އަހަރު ފަލަސްތީނާ ދެކޮޅަށެވެ. އެ މެޗުން ލުބުނާން ވަނީ 5-1 ގެ ނަތީޖާއަކުން ބަލިވެފައެވެ. ލުބުނާނުން ވަނީ އޭޝިއަން ކަޕްގެ އިތުރުން އަރަބް ކަޕާއި ޑަބްލިޔުއޭއެފްއެފް ޗެމްޕިއަންޝިޕް އަދި ޕޭން އަރަބް ގޭމްސްގައި ވެސް ވާދަކޮށްފައެވެ.
ލުބުނާންގެ ފުރަތަަމަ ބައިނަލްއަގުވާމީ މުބާރާތަކީ އަމިއްލަ ގައުމުގައި 1957 ވަނަ އަހަރު ބޭއްވި ޕޭން އަރަބް ގޭމްސްއެވެ. އެ މުބާރާތުގައި ލުބުނާން ލައްވާލީ ސައުދީ އަރަބިއާ އާއި ޖޯޑަން އަދި ސީރިއާއާ އެއް ގްރޫޕެއްގައެވެ. ލުބުނާން ނުކުތް ފުރަތަމަ މެޗުގައި 1-1 ގެ ނަތީޖާއަކުން ސައުދީ އަރަބިއާ އަތުން އެއްވަރުވި އިރު، ދެވަނަ މެޗުގައި ސީރިއާ އަތުން ވެސް 1-1 ގެ ނަތީޖާއަކުން ވަނީ އެއްވަރުވެފައެވެ. ގްރޫޕުގެ ފަހު މެޗުގައި ޖޯޑަން އަތުން 6-3 ގެ ނަތީޖާއަކުން މޮޅުވެ، ގްރޫޕުގެ އެއްވަނައިގެ ގޮތުގައި ލުބުނާނުން ވަނީ ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފައެވެ. ސެމީގައި ލުބުނާން ވަނީ 4-2 ގެ ނަތީޖާއަކުން ޓިއުނީޝިއާ އަތުން ބަލިވެފައެވެ. ނަމަވެސް އެޓީމަށް ވަނީ މުބާރާތުން ތިންވަނަ ލިބިފައެވެ.
އަރަބް ކަޕް ތައާރަފުކޮށް، ފުރަތަމަ މުބާރާތް ބާއްވާފައިވަނީ ލުބުނާންގައެވެ. 1963 ވަނަ އަހަރު ބޭއްވި އެ މުބާރާތް ލީގު އުސޫލުން ކުޅުނު އިރު، މުބާރާތުގައި ބައިވެރިވީ ލުބުނާންގެ އިތުރުން ޓިއުނީޝިއާ އާއި ސީރިއާ އާއި ކުވެއިތު އަދި ޖޯޑަންއެވެ. ގްރޫޕު ސްޓޭޖުގައި ސީރިއާ އާއި ޖޯޑަން އަދި ޓުއިނީޝިއާ އަތުން ލުބުނާން ބަލިވި އިރު، ކުވެއިތާއި ޖޯޑަން އަތުން ވަނީ ފަސޭހަކަމާއެކު މޮޅުވެފައެވެ. ކުވެއިތު އަތުން 6-0 ގެ ނަތީޖާއަކުން ލުބުނާން މޮޅުވި އިރު، ޖޯޑަން އަތުން މޮޅުވީ 5-0 ގެ ނަތީޖާއަކުންނެވެ. އެ މުބާރާތުން ވެސް ލުބުނާނަށް ލިބުނީ ތިންވަނައެވެ.
އޭޝިއަން ކަޕް ކޮލިފައިން އިން ލުބުނާން ފުރަތަަމަ ފެނިފައިވަނީ 1964 ވަނަ އަހަރު އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ)ގެ މެންބަރަކަށް ވުމަށްފަހުއެވެ. އޭޝިއަން ކަޕް 1972 ގެ ކޮލިފައިންގައި ވެސްޓާން ޒޯންގައި ލުބުނާން ހިމެނުނީ ކުވެއިތާއި ސީރިއާއާ އެއް ގްރޫޕެއްގައެވެ. ފުރަތަމަ މެޗުގައި ލުބުނާން އަތުން ބަލިވި އިރު، ދެވަނަ މެޗުގައި ސީރިއާ ބަލިކޮށް ލުބުނާނުން ވަނީ ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފައެވެ. އެފަހަރުގެ އޭޝިއަން ކަޕަށް ލުބުނާން ކޮލިފައިވެފައި ނުވަނީ ސެމީގައި އިރާގު އަތުން ބަލިވުމުންނެވެ.
އޭޝިއަން ކަޕަށް ލުބުނާން ކޮލިފައިވެފައިވަނީ ތިން ފަހަރަކުއެވެ. އެއީ 2000 އާއި 2019 އަދި އަންނަ އަހަރު ބާއްވާ އޭޝިއަން ކަޕަށެވެ. އަމިއްލަ ގައުމުގައި 2000 ވަނަ އަހަރު ބޭއްވި އޭޝިއަން ކަޕްގައި ލުބުނާން ލައްވާލީ އިރާނާއި އިރާގު އަދި ތައިލޭންޑާ އެއް ގްރޫޕެއްގައެވެ. އިރާން އަތުން ލުބުނާން ބަލިވި އިރު، އިރާގާއި ތައިލެންޑް އަތުން ވަނީ އެއްވަރުވެފައެވެ. ލުބުނާނުން ގްރޫޕު ސްޓޭޖު ނިންމާލީ ތިންވަނައިގައެވެ. އެހެންކަމުން އެޓީމަށް ނޮކްއައުޓް ބުރުން ޖާގައެއް ލިބިފައެއް ނުވެއެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި 2019 ވަނަ އަހަރު ބޭއްވި އޭޝިއަން ކަޕްގައި ލުބުނާން ލައްވާލީ އެފަހަރުގެ ޗެމްޕިއަން ގަތަރާއި ސައުދީ އަދި އުތުރު ކޮރެއާއާ އެއް ގްރޫޕެއްގައެވެ. ގަތަރާއި ސައުދީ އަތުން ލުބުނާން ބަލިވި އިރު، އުތުރު ކޮރެއާ އަތުން ވަނީ 4-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. ގްރޫޕު ސްޓޭޖުގެ ތިންވަނައިގައި ނިންމާލަން ޖެހުމުން، އެ ފަހަރު ވެސް ލުބުނާނަށް ނޮކްއައުޓް ބުރުން ޖާގައެއް ލިބިފައެއް ނުވެއެވެ.
އަންނަ އަހަރު ބާއްވާ އޭޝިއަން ކަޕަށް ލުބުނާން ކޮލިފައިވެފައިވަނީ ވޯލްޑް ކަޕް 2022 ގެ ކޮލިފައިންގެ ދެވަނަ ބުރުގައި ގްރޫޕުގެ ދެވަނަ ހޯދުމުންނެވެ. އެ ގްރޫޕުގައި ލުބުނާންގެ އިތުރުން ދެން ހިމެނިފައިވަނީ ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާ އާއި ތުރުކުމެނިސްތާން އަދި ސްރީ ލަންކާއެވެ. ނަމަވެސް ކޮވިޑާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި އުތުރު ކޮރެއާ ވަނީ ވަކިވެފައެވެ. އެ ގްރޫޕުގެ އެއްވަަނަ ހޯދި ދެކުނު ކޮރެއާއަށް ހަ މެޗުން 16 ޕޮއިންޓް ލިބުނު އިރު، ދެވަނައިގައި ނިންމާލި ލުބުނާނަށް ލިބިފައިވަނީ ދިހަ ޕޮއިންޓެވެ. އަންނަ އަހަރުގެ ޖެނުއަރީގައި ގަތަރުގައި ބާއްވާ އޭޝިއަން ކަޕްގައި ލުބުނާން ލައްވާލާފައިވަނީ ގަތަރާއި ޗައިނާ އަދި ތަޖިކިސްތާނާ އެއް ގްރޫޕެއްގައެވެ.
ލުބުނާނަށް ވޯލްޑް ކަޕަށް ކޮލިފައިވުމާ އެންމެ ގާތަށް ދެވިފައިވަނީ ވޯލްޑް ކަޕް 2014 އަދި 2022 ގެ ކޮލިފައިންގައެވެ. ވޯލްޑް ކަޕް 2014 ގެ އޭޝިއާ ސަރަހައްދުގެ ކޮލިފައިން ބުރުގެ ފައިނަލް ބުރަށް ލުބުނާން ދަތުރުކޮށްފައިވަނީ ތިންވަނަ ބުރުގައި ގްރޫޕުގެ ދެވަނަ ހޯދައިގެންނެވެ. ގްރޫޕު ސްޓޭޖުގައި ލުބުނާނުން ޔޫއޭއީ ބަލިކުރި އިރު، ކުވައިތު އަތުން ވަނީ އެއްވަރުވެފައެވެ. އަދި ބަލިވެފައިވަނީ ހަމައެކަނި ދެކުނު ކޮރެއާ އަތުންނެވެ.
އެފަހަރު ކޮލިފައިންގެ ފައިނަލް ބުރުގައި ލުބުނާން ލައްވާލީ އިރާނާއި ދެކުނު ކޮރެއާ އާއި އުޒްބަކިސްތާން އަދި ގަތަރާ އެއް ގްރޫޕެއްގައެވެ. ގްރޫޕު ސްޓޭޖުގައި ލުބުނާން ކުޅުނު އަށް މެޗުގެ ތެރެއިން ފަސް މެޗަކުން ބަލިވި އިރު، ދެ މެޗަކުން ވަނީ އެއްވަރުވެފައެވެ. އަދި މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. ލުބުނާނަށް އެފަހަރުގެ ވޯލްޑް ކަޕްގެ ހުވަފެން ނިންމާލަން ޖެހުނީ ފަސް ޕޮއިންޓާއެކު ގްރޫޕުގެ ފުލުގައި އޮވެއެވެ.
ވޯލްޑް ކަޕް 2022 ގެ ކޮލިފައިންގެ ފައިނަލް ބުރުގައި ލުބުނާން ލައްވާލީ އިރާނާއި ދެކުނު ކޮރެއާ އާއި ޔޫއޭއީ އާއި އިރާގު އަދި ސީރިއާއާ އެއް ގްރޫޕެއްގައެވެ. އެ ގްރޫޕުގައި ލުބުނާން ކުޅުނު ދިހަ މެޗުގެ ތެރެއިން ހަ މެޗަކުން ބަލިވި އިރު، ތިން މެޗަކުން ވަނީ އެއްވަރުވެފައެވެ. އަދި މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެ ފަހަރު ވެސް ގްރޫޕު ސްޓޭޖު ނިންމާލީ ހަ ޕޮއިންޓާއެކު ގްރޫޕުގައި ފުލުގައި އޮވެއެވެ.
އަންނަ އަހަރު ބާއްވާ އޭޝިއަން ކަޕްގެ ކުރިން، މިމަހު އިންޑިއާގައި ފަށާ ސާފް ޗެމްޕިއަންޝިޕްގައި ލުބުނާން ވާދަކުރާނެއެވެ. އެޓީމު ވެގެންދާނީ ދެކުނު އޭޝިއާ ސަރަހައްދުން ބޭރުން ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ދައުވަތު ދިން ދެ ޓީމުގެ ތެރޭގައެވެ. ލުބުނާންގެ އިތުރުން ދެން ދައުވަތުދީގެން ބައިވެރިވާނީ ކުވެއިތެވެ.
ލުބުނާން ޓީމަށް އިރުޝާދުދެނީ ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗެކެވެ. ޔޫގޮސްލާވިއާއަށް އުފަން އުމުރުން 53 އަހަރުގެ އިލިޗް ވަނީ ފުޓުބޯޅަ ކެރިއަރުގައި ޑިފެންޑަރެއްގެ ގޮތުގައި ކުޅެ، ބެލްޖިއަމްގެ ކްލަބު ބްރޫޖާއި އަންޑާލެހްޓް އާއެކު ކާމިޔާބީތަކެއް ހޯދައިފައެވެ. ބްރޫޖް އަދި އަންޑާލެހްޓް އާއެކު ވެސް އޭނާ ވަނީ ބެލްޖިއަމް ލީގު ކާމިޔާބުކޮށްފައެވެ.
ކޯޗެއްގެ ގޮތުގައި އިލިޗް އެންމެ ފާހަގަކޮށްލެވުނީ ސައުދީ އަރަބިއާގެ އަލް އަހްލީ އިންނެވެ. އޭނާ ވަނީ އަލް އަހްލީއަށް 2011 ވަނަ އަހަރުގެ ކިންގް އޮފް ޗެމްޕިއަންސް ކާމިޔާބުކޮށްދީފައެވެ. އޭގެ އިތުރުން އިލިޗް ވަނީ ރެޑްނިކީ ނިސްއަށް ސާބިއާ ލީގު ޗެމްޕިއަންކަން ހޯދައިދީ، އަލް ޝޯޓާއަށް އިރާގީ ސުޕަ ކަޕް ވެސް ކާމިޔާބުކޮށްދީފައެވެ. އޭނާ ލުބުނާން ގައުމީ ޓީމާ ހަވާލުވީ މިދިޔަ އަހަރުގެ ތެރޭގައެވެ.
ލުބުނާންގެ ސާފް ޗެމްޕިއަންޝިޕް ސްކޮޑުގައި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔަކީ ހަސަން މާތޫކެވެ. އެ މުބާރާތުގައި ލުބުނާންގެ ކެޕްޓަންގެ ގޮތުގައި ވެސް ފެނިގެންދާނީ އުމުރުން 35 އަހަރުގެ މާތޫކެވެ.
ލުބުނާން ޓީމުގެ އެންމެ ޝަރަފުވެރި ރެކޯޑުތައް އޮތީ ވެސް މާތޫކު އަތުގައެވެ. ލުބުނާންގެ ތާރީހުގައި އެޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ދެ ކުޅުންތެރިންގެ ތެރޭގައި މާކޫތު ހިމެނެއެވެ. މާތޫކު އަދި ލުބުނާންގެ ފުޓުބޯޅަ ލެޖެންޑް ވަރްދާން ގަޒަރިޔާން، އެއިން ކޮންމެ ކުޅުންތެރިޔަކު ވެސް ވަނީ އެޓީމަށް 21 ގޯލު ކާމިޔާބުކޮށްދީފައެވެ. އެހެންކަމުން މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި މާތޫކު ގޯލެއް ޖަހައިފި ނަމަ، އޭނާއަށް އެ ރެކޯޑު މުގުރާލެވޭނެއެވެ. ޖުމުލަ 102 މެޗާއެކު، ލުބުނާނަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާގެ ރެކޯޑު ވެސް އޮތީ މާތޫކު އަތުގައެވެ.
މިހާރު ލުބުނާންގެ އަލް އަންސަރަށް ކުޅޭ މާތޫކު ވަނީ ކްލަބު ކެރިއަރުގައި ވެސް ކާމިޔާބީތަކެއް ހޯދައިފައެވެ. އަލް އަހެދުން ކެރިއަރު ފެށި މާތޫކު ވަނީ ހަތަރު ސީޒަނެއްގައި ލުބުނާން ޕްރިމިއާ ލީގު އަދި ލުބުނާން އެފްއޭ ކަޕް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ހަތަރު ސީޒަނެއްގައި ލުބުނާން ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފައެވެ.