ސައިކަލު ވަށިގަނޑަށް ކުޑަ ކުއްޖަކު ލައިގެން ރިންގް ރޯޑުގައި ދުއްވާ ވީޑިއޯއެއް އާންމުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ މި ވީޑިއޯއާ ގުޅިގެން އެތައް ބަޔަކު އަންނަނީ ވީޑިއޯގައި ފެންނަ ކުއްޖާގެ ބެލެނިވެރިޔާ ހޯދައި އެކަމަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.
މިކަމާގުޅިގެން "ވަން އޮންލައިން" އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލެއް ވަނީ މި މައްސަލަ ފުލުހުން މިހާރު ބަލަމުން އަންނަ ކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް މި މައްސަލައަކީ މިހާރު ބަލަމުން އަންނަ މައްސަލައެއްކަމުން އިތުރު މައުލޫމާތެއް ފުުލުހުން ހާމައެއް ނުކުރެއެވެ.
މީގެ އިތުރުން ޖެންޑަރ މިނިސްޓްރީންވެސް ވަނީ މި މައްސަލަ އެ މިނިސްޓްރީ އަށް ލިބިފައިވާ ކަމަށް ހާމަކޮށްފައެވެ.
މިކަމާގުޅިގެން ޖެންޑާ މިނިސްޓްރީގެ މީޑިޔާ އޮފިޝަލް "ވަން އޮންލައިން" އަށް މައުލޫމާތު ދެމުން ވިދާޅުވީ ފުލުހުންނާއި ގުޅިގެން އެ މައްސަލަ ބަލަމުން އަންނަކަމަށެވެ.
މުޅި ސޯޝަލް މީޑިއާގައި މި ވީޑިއޯ މިހާރު ދައުރުވަމުން އަންނައިރު ގިނަ ބަޔަކު އަންނަނީ ސައިކަލު ދުއްވަން އިން މީހާގެ ލައިސަންސް ހިފެހެއްޓުމަށް ގޮވާލަމުންނެވެ.