މުހައްމަދު ޖަމްޝަތް ވަހީދު
ބޮޑު ޗުއްޓީއާ ދިމާކޮށް ހޮލިޑޭ ފިއެސްޓާގެ ނަމުގައި އުރީދޫ މޯލްޑިވްސްއިން އެމް-ފައިސާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އުރީދޫން މިއަދު ފެށި މި ޕްރޮމޯޝަން މި މަހުގެ ނިޔަލަށް ކުރިއަށްގެންދާނެއެވެ.
އުރީދޫ އިން ބުނީ މި ޕްރޮމޯޝަނުގެ މުއްދަތުގައި ކަސްޓަމަރުން އެމް-ފައިސާ މެދުވެރިކޮށް ވިޔަފާރިކުރާ އިރު، އުރީދޫން ކަނޑައަޅާފައިވާ އައުޓްލެޓްތަކުން 10-5 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށެވެ.
އުރީދޫގެ އެމް-ފައިސާ އަކީ ކަސްޓަމަރުންނަށް އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުން އަދި ޓްރާންސްފާ ކުރުމާއި ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަތަކަށް ރައްކާތެރިކަމާއެކު ފައިސާ ދައްކާލެވޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަންއެކެވެ.
މި ޕްލެޓްފޯމުން ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އުރީދޫގެ ހިދުމަތްތަކަށާއި މީޑިއާނެޓް ފަދަ ގިނަ ހިދުމަތްތަކަށް ބިލް ދެއްކުމަށް ވެސް އެހީތެރިކަން ފޯރުކޮށްދެއެވެ.
މީގެ އިތުރުން އެމް-ފައިސާ އިން ވަނީ އެކި ފައުންޑޭޝަންތަކާ ގުޅިގެން ސަދަގާތް ކުރުމުގެ ފުރުސަތުވެސް ފަހިކޮށްދީފައެވެ.
އެމް-ފައިސާގެ ހިދުމަތް ބޭނުންކުރުމަށް ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށްވެސް އުރީދޫ އެޕް ޑައުންލޯޑް ކޮށް ފަސޭހަކަމާ އެކު ރަޖިސްޓާ ކޮށްލެވޭނެއެވެ. އަދި ބީއެމްއެލް، އެސްބީއައި އަދި އެމްއައިބީ ފަދަ ގިނަ ބޭންކްތަކާ ގުޅިގެން އެމް-ފައިސާ އިން ވަނީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އޮންލައިންކޮށް ޑިޖިޓަލް ވޮލެޓް ޓޮޕްއަޕް ކުރުމުގެ ފުރުސަތު ފަހިކޮށްދީފައެވެ.