ޖަލު ބަންދުގައި ހުރުމަކީ ވޭން ހުރި ކަމެއް ކަމަށާއި އެމަނިކުފާނު ޖަލަށް ލާފައިވަނީ އެއްވެސް ކުށެއް ނެތި ކަމަށް ދާދި ފަހުން ޖަލު ބަންދުގައި ހުންނަވަން ޖެހުނު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވެފައިވަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ޓިކެޓުގައި ހުޅުމާލޭ ދާއިރާއަށް ވާދަކުރައްވާ އިބްރާހިމް ފައިސަލްގެ ކެމްޕޭން ޖަލްސާގައި ފޯނު މެދުވެރިކުރައްވައި، މިރޭ ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ރައީސްކަމުގެ މަގާމުގައި ހުންނެވި އިރު ސިޔާސީ ބޭފުޅުން ޖަލު ބަންދުގައި ހުންނަވަން ޖެހިވަޑައިގެންނެވީ ކުށްތަކެއް ކޮށްގެން ކަމަށާއި ނަމަވެސް ދާދިފަހުން އެމަނިކުފާނު މާފުށީ ޖަލަށް ގެންގޮސްފައިވަނީ އެއްވެސް ކުށެއް ކޮށްގެން ނޫން ކަމަށެވެ.
ޖަލު ބަންދުގައި ހުންނަވަން ޖެހުނީ އެމަނިކުފާނުގެ އަނގަ ބަންދު ކުރެވޭނެ އިތުރު ގޮތެއް ނެތުނީމާ ކަމަށާއި އެމަނިކުފާނުގެ ބޭންކް އެކައުންޓުތައް ފްރީޒު ނުކުރި ނަމަ، ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕްރޮގްރެސިވް ކޯލިޝަނަށް ގިނަ ގޮނޑިތަކެއް ކާމިޔާބުކުރެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
މަނީ ލޯންޑަރިންގެ ތުހުމަތުކޮށް ޝަރީއަތް ނިމެންދެން ހައްޔަރުކޮށްފައި ބެހެއްޓުމަށް މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އަމުރެއް ނެރުނު ނަމަވެސް، މިދިޔަ ބުރާސްފަތި ދުވަހު ހައި ކޯޓުން ވަނީ އެ އަމުރު ބާތިލްކޮށް، ރައީސް ޔާމީން މިނިވަންކޮށްފައެވެ.
ރައީސް ޔާމީން މިނިވަންކުރުމުގެ އިތުރުން، މިދިޔަ އާދީއްތަ ދުވަހު ހައި ކޯޓުން ވަނީ ބޭންކް އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ވެސް ބާތިލްކޮށްފައެވެ.