ޝީޝެލްސްގެ ރައީސް ވޭވެލް ރާމްކަލާވަން ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
ރާމްކަލާވަންގެ މި ދަތުރުފުޅާ ބެހޭ މައުލޫމާތު ސަރުކާރުން ރަސްމީކޮށް އާންމެއް ނުކުރެއެވެ. ނަމަވެސް "ވަން" އަށް އެނގިފައިވާ ގޮތުގައި އެ މަނިކުފާނު ރާއްޖެ ވަޑަގަންނަވާނީ އަންނަ ހަފުތާގެ ދުވަހެއްގައެވެ. ނަމަވެސް އެއީ ކޮން ދުވަހެއްކަން އެނގިފައެއް ނުވެއެވެ. އެ ދަތުރުފުޅުގައި ހަތަރު ވަރަކަށް ދުވަހު އެ މަނިކުފާނު ރާއްޖޭގައި މަޑުކުރައްވާނެކަންވެސް އެނގިފައިވެއެވެ.
ރައީސްކަމުގެ ހުވާކުރެއްވުމަށްފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ފުރަތަމަ ވަޑައިގެން ގައުމުތަކުގެ ތެރޭގައި ސީޝެލްސް ހިމެނެއެވެ. މިއީ އޭގެ ފަހުން އެ ގައުމުގެ ވެރިއަކު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
ޝީސެލްސްގެ ރައީސްގެ އެ ދަތުރުފުޅާ ގުޅިގެން މާލޭގެ އެއް ނަންބަރު ފާލަން ކައިރިން އުޅަނދުފަހަރު ނަގަން ފުލުހުން ވަނީ އަންގައިފައެވެ.
ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، މާލޭގެ ޖެޓީ ނަންބަރު 1-3 އަށް (ލޯކަލް މާރުކޭޓް ސަރަހައްދުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް) ފަޅަށް ވަދެ ނުކުމެ ހެދުން އެކި ވަގުތުތަކުގައި ބަންދު ކުރާނެއެވެ. އެހެންވެ، އެ ސަރަހައްދު ފަޅުގައި އަޅާފައިވާ އުޅަނދުތައް އަންނަ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ނެގުމަށް ފުލުހުން ވަނީ އަންގައިފައެވެ.
މީގެ އިތުރުން ފަޅަށް ވަދެ ނުކުމެ ހެދުމުގައި މެރިން ޕޮލިހާއި ކޯސްޓުގާޑުގެ އިރުޝާދާ އެއްގޮތަށް އުޅަނދުތަކުގެ ކެޕްޓަނުން އަމަލު ކުރުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.